ޚަބަރު

ޖިއޯގާޑަން އަތުން ޗެލްސީ މޮޅުވެއްޖެ


ޔުއެފާ ކޮންފަރެންސް ލީގުގައި ރޭ ސްވިޑަންގެ ޖިއޯގާޑަންއާ ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ފައިނަލުގެ ފުރުސަތު ޗެލްސީން ބޮޑުކޮށްފިއެވެ.

ރަށުން ބޭރުގައި ޗެލްސީ ކުޅުނު މި މެޗަށް އެ ޓީމު ނިކުތްއިރު ކޯޗު އެންޒޯ މަރެސްކާ ވަނީ ޕްރިމިއާ ލީގުގައި އަންނަ ހަފްތާގައި ލިވަޕޫލް އާއި ދެކޮޅަށް ކުޅޭ މެޗަށް އެ ޓީމުގެ މުހިންމު ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދިނުމުގެ ގޮތުން އަށް ބަދަލެއް ގެނެސްފަ އެވެ.

މި މެޗުގެ 12 ވަނަ މިނިޓުގައި ޖޭޑަން ސަންޗޯ ވަނީ ލަނޑެއް ޖަހާ ޗެލްސީ އަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ އެންޒޯ ފެނާންޑޭޒް ދިން ޕާހަކުން ސަންޗޯ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ނޮނީ މަޑުއޭކޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ޗެލްސީ އިން ދެވަނަ ހާފަށް ނިކުތްއިރު ކޯޗު މަރެސްކާ ވަނީ ތިން ބަދަލެއް އެ ޓީމަށް ގެނެސްފަ އެވެ. އެގޮތުން އެންޒޯ ފެނާންޑޭޒް އާއި ނޮނީ މަޑުއޭކޭގެ އިތުރުން ރީސް ޖޭމްސްގެ ބަދަލުގައި ކޯލް ޕާމާ އާއި ނިކޮލަސް ޖެކްސަން އަދި މޯސެސް ކައިސޭޑޯ ވަނީ ކުޅެން އަރުވާފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 14 ވަނަ މިނިޓުގައި ކޯލް ޕާމާ ދިން ބޯޅައަކުން ނިކޮލަސް ޖެކްސަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

އަދި މެޗުގެ 65 ވަނަ މިނިޓުގައި ޖެކްސަން ވަނީ އިތުރު ލަނޑެއް ޖަހާ ކޮންފަރެންސް ލީގުގެ ފައިނަލުގެ ފުރުސަތު އެ ޓީމަށް ބޮޑުކޮށްދީފަ އެވެ.

މި މެޗުގައި ޖިއޯގާޑަން އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 68 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަލެމަޔޭހޯ އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ޗެލްސީ އިން ހޯދައިފިނަމަ އެ ޓީމު ވެގެންދާނީ ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ, ޔުއެފާ އިން އިންތިޒާމް ކުރާ ބޮޑު ތިން މުބާރާތް ކާމިޔާބުކުރާ ފުރަތަމަ ކްލަބަށެވެ. މީގެ ކުރިން އެ ކްލަބުން ވަނީ ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.