މުލި އެއަރޕޯޓް ރަސްމީކޮށް ހުޅުވާނީ، ޝެޑިއުލް ދަތުރުތަކާއެކުކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވީ އޭޕްރީލް 25ވަނަ ދުވަހު ބޭއްވި ޓެސްޓް ފްލައިޓަށްފަހު، މިހާރު ކުރަމުންދަނީ ސިވިލް އޭވިއޭޝަންއިން ހަދާ އެސެސްމަންޓްތައް ހެދުމުގެ މަސައްކަތްކަމަށެވެ. އަދި އެއަށްފަހު ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކޮށް، ރަސްމީކޮށް އެއަރޕޯޓްގެ ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައްވަމުންދާކަމަށެވެ.
ކުރިން ނިންމާފައި އޮތީ މިމަހުގެ 1 ވަނަ ދުވަހު ބައްވާ ޚާއްސަ ރަސްމިއްޔާތަކާއެކު މުލީ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށެވެ. ނަމަވެސް އެއަރޕޯޓް ހުޅުވުން ލަސްކުރީ، ޝެޑިއުލް ދަތުރުތަކާއެކު އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށްކަމަށް މުބީން ވިދާޅުވިއެވެ. އެހެންކަމުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ބަންލަންޖެހޭ ކަންކަން ބަލާ އަދި ފްލައިޓް އޮޕަރޭޓަރުންނާއެކު ކޮމާޝަލް ދަރުތުތައް ފެށުމަށް ތާރީޚް ކަނޑައެލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ. މުބީން ވިދާޅުވީ މުލި އެއަރޕޯޓަށް ކޮމާޝަލް ދަތުރުތައް ފެށުމަށް، އަންނަ އާދިއްތަދުވަހު ރާއްޖޭގެ އެއަރލައިންތަކާއެކު ބައްދަލުކުރާނެކަމަށެވެ.
މުބީން ވިދާޅުވީ މުލި އެއަރޕޯޓަށް ކޮމާޝަލް ދަތުރުތައް ފެށުމަށް، އަންނަ އާދިއްތަދުވަހު ރާއްޖޭގެ އެއަރލައިންތަކާއެކު ބައްދަލުކުރާނެކަމަށެވެ.
"އެއަރޕޯޓްގެ މަސައްކަތްތައް ވަނީ ނިމިފައި. ވަރަށް ކުދިކުދި ކަންތައްތަކެއް މި ހުރީ. ކޮމާޝަލް ދަތުރު ފެށެނީ ސިވިލް އޭވިއޭޝަންގެ ލައިސަންސަށްފަހު. އެއަރޕޯޓް ހުޅުވާނީ ކޮމާޝަލް ދަތުރުތައް ފެށޭގޮތަށް. އާދިއްތަ ދުވަހު ފްލައިޓް އޮޕަރޭޓަރުންނާއެކު ބައްދަލުކޮށްފަ ތާރީޚެއް ކަނޑައަޅާނީ." ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.
މުބީން ވިދާޅުވީ ފްލައިޓް އޮޕަރޭޓަރުންނާ ބައްދަލުކޮށް، ކޮމާޝަލް ދަތުރުތައް ފެށުމަށް 15-20 ދުވަހުގެ މުއްދަތެއް ބޭނުންވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މުލީ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވަނީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ. މިއީ ޑޮމެސްޓިކް ދަތުރުރަކަށް ޚާއްސަ އެއަރޕޯޓެކެވެ. މުލި އެއަރޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވާނީ އެކަމަށްޓަކާ ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމު މުޢިއްޒެވެ.
މުލީ އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެރަށުން 36 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްފައިވެއެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު މި އެއަރޕޯޓު ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މި މަޝްރޫޢުއަކީ ސަރުކާރުން 300 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.