ޚަބަރު

ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމާރާތް، ކޮރަލް ބޮލެވާޑް މަޝްރޫޢު ހިންގަން ހަވާލުކުރި ބިމުގައި ތަރައްޤީކުރަން ނިންމަވައިފި


ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމާރާތް، ކުރިން ކޮރެލް ބޮލެވާޑް މަޝްރޫޢު ހިންގަން ހަމަޖެއްސި ބިމުގައި ތަރައްޤީކުރަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސަރަޙައްދުގައި 3 ވަޤުފު އިމާރާތެއް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެއީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސްއާއި މާލޭގައި ތަރައްޤީ ކުރުމަށް ހަމަޖެހިައިވާ ދާރުލްއަރްޤަމް މަޝްރޫޢުގެ އިތުރަށް މާލޭގައި ތަރައްޤީކުރާ ކީރިތި ޤުރުއާނާ ބެހޭ ޚާޢްސަ ވަޤުފު އިމާރާތެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަޝްރޫޢޫތައް ކުރިއަށް ގޮސްއޮތް ހިސާބު ހިއްސާކުރައްވާފައެވެ. އެގޮތުން މި މަޝްރޫޢުތަކަށް ބިން ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ވަޤުުފު މަޝްރޫޢުތަކުގެ ތެރެއިން ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމަރާތް ކުރީގެ ކޮރަލް ބޮލިވާޑް މަޝްރޫޢު ހިންގުމަށް ހަމަޖައްސާފައި އޮތް ބިމުގައި ތަރައްޤީކުރަން ނިންމާވަފައިވާކަމަށެވެ. ރަސްފަނު ކައިރީގައި އޮންނަ 70،000 އަކަފޫޓުގެ އެ ބޮޑުބިމުގެ ތެރެއިން 10،000 އަކަފޫޓުގެ ބިން އެކަމަށް ޚާއްސަ ކުރުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ވަޤުުފު އިމާރާތްތައް ތަރައްޤީކޮށް ނިމުމުން އެތަންތަނުން ލިބޭ އާންމްދަނީގެ ތެރެއިން އިސްލާމީ ކަންކަމަށް ޚަރަދުކުރުމަށް ކޮންމެ އަހަރެއްގެ ބަޖެޓްތެރެއިން ނުނަގާ ގިނަ ކަންކަން ކުރުމުގެ ފުރުޞަތު ލިބގެންދާނެކަމަށެވެ.

ވަޤުފު އިމާރާތްތަކުގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ މިސްކިތް ބިނާކުރުމުގެ މަޝްރޫޢުއަށްވެސް އަލި އަޅުވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 21 މަޝްރޫޢުއެއް ކުރިއަށްދާކަމަށާއި 17 މަޝްރޫޢުއެއްގައި މިހާތަނަށް ސޮއިކޮށްފައިވާކަމަށް ވިދާޅުވިއެވެ.

"މިހާރު މިގޮތަށް ދާ މަޝްރޫޢުތައް އިރާދަކުރެއްވީއްޔާ ގިނަ މަޝްރޫޢުތައް މިއހަރުގެ ތެރޭގައި ނިމި ބާކީ ހުރި މަޝްރޫޢުތައް އަންނަ އަހަރު ނިމިގެންދާނެ. މިއީ އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މިސްކިތް ބިނަ ކުރެވޭ އަހަރު. 2025. މިއަންނަ އަހަރަށް ކަނޑައަޅާފައި ހުރި މިސްކިތް ބިނާކުރުމާއި އިސްލާމިކް ސެންޓަރުތައްވެސް ޤުރުއާނާ ބެހޭ މަރުކަޒުގެ ތަންތަންގެ އިތުރަށް އިސްލާމީ ދާއިރާގެ މަޝްރޫޢުތައް މިއަންނަ އަހަރަށް ކަނޑައަޅާފައި ހުންނާނެނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މާލޭގައި ތަރައްޤީކުރާ ދާރުލްއަރުޤަމް ވަޤުފު އިމާރާތަކީ 12 ފަންގިފިލާއަށް ތަރައްޤީ ކުރާ އިމާރާތެކެވެ. މީގެ އިތުރުން ހުޅުމާލޭގައި ތަރައްޤީ ކުރާ ދާރުއްސަލާމް ވަޤުފް އިމާރާތަކީވެސް 12 ފަންގިފިލާއަށް ތަރައްޤީ ކުރާ އިމާރާތެކެވެ.

ރާއްޖޭގައި މިވަގުތު ހުރީ އެންމެ ވަޤުފު އިމާރާތެކެވެ. އެއީ މާލޭގައި ތަރައްޤީކޮށްފައިވާ "ދާރުލް އީމާންއެވެ. މި އިމާރާތުން އަހަރަކު 6 މިލިޔަން ރުފިޔާ ލިބެއެވެ. އެހެންނަމަވެސް ހުޅުމާލެއާއި މާލޭގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ވަޤުފު އިމާރާތްތަކާއެކު އަހަރަކު 50 މިލިޔަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މާލޭގައި ތަރައްޤީ ކުރާ ވަޤުފު އިމާރާތްތަކުގެ އިތުރަށް އަތޮޅުތެރޭގައިވެސް މި ފަދަ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްޓަކައި އަތޮޅު ވަޤުފު މަޝްރޫޢެއްވެސް އިފްތިތާހްކޮށްފައިވެއެވެ.