ޚަބަރު

"އީގަލް ހިލްސްއިން އިންވެސްޓްކުރާނީ ދިވެހިންނަށް ހުރިހާ ފުރުސަތެއް ލިބޭގޮތަށް"


  • އީގަލް ހިލްސްގެ ޗެއަރމަން މުޙައްމަދު އަލައްބާރު ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރައްވި

  • އެކި ޤައުމުތަކުގައި މިހާތަނަށް 450 ބިލިޔަން ޑޮލަރުގެ މަޝްރޫޢު ހިންގިކަމަށް ވިދާޅުވި

  • ދިވެހިންނަށް އިންވެސްޓްކުރަންވެސް އެހީވެދޭނެކަމަށް ވިދާޅުވި

ރާއްޖެއަށް އިންވެސްޓްކުރާނީ ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ހުރިހާ ފުރުސަތުތަކެެއް ލިބޭނެ ގޮތަށްކަމަށް އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލައްބާރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

ޑުސިޓް ޑީޓޫ ފޭދުއްފިނޮޅުގައި ބޭއްވެވި ބައްދަލުވުމުގައި، ސަރުކާރުގެ ވަޒީރުންނާއި އިސް އޮފިޝަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި ރާއްޖޭގެ އެކި ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިވެރިން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމަކީ، ރަސްމާލޭގައި މިހާރު ތަރައްޤީ ކުރުމަށް ރާވަމުންދާ، މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ މަޝްރޫޢާ ގުޅޭގޮތުން ވިޔަފާރިތަކުގެ ޚިޔާލާއި މަޝްވާރާ ހޯދައި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެއް ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރަސްމާލެ މެރީނާ މަޝްރޫޢުގެ މައި ޑިވެލޮޕަރ އީގަލް ހިލްސްގެ ޗެއަރމަން، މުޙައްމަދު އަލައްބާރު ވަނީ ރާއްޖެއަށް އިންވެސްޓް ކުރުމުގައި އޭނާ ގެންގުޅުއްވާ ވިސްނުންފުޅު ހާމަކުރައްވާފައެވެ. ދުނިޔޭގެ 20 ޤައުމެއްގައިވެސް އިންވެސްޓްކޮށް ކާމިޔާބުކަމާއެކު މަޝްރޫޢުތައް ހިންގަމުންދާ އަލައްބާރު ވިދާޅުވީ އޭނާ ބެލުމުގެ ދަށުން މިހާތަނަށް 450 ޑޮލަރުގެ މަޝްރޫޢު ކުރިއަށް ގެންދެވިފައިވާނެ ކަމަށެވެ. އަދި ރާއްޖެއަށް އިންވެސްޓް ކުރުމަކީ އޭނާ ކޮންމެހެން މަޖުބޫރު ކަމެއް ނޫން ކަމަށާއި، ނަމަވެސް އޭނާ ވިސްނުމަކީ ރައްޔިތުން ނަފާވާނެ މަސައްކަތްތަކެއް ކުރެއްވުން ކަމަށެވެ.

އަލައްބާރު ވިދާޅުވީ، އޭނާ ވިސްނުމަކީ ކޮންމެ އިންވެސްޓްމެންޓަކީވެސް ބޭރުން އަންނަ ފަރާތްތަކަށް މާލީ ފައިދާއެއް އެކަނި ލިބޭގޮތަށް ހިންގޭނެ މަޝްރޫޢުއެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ރައްޔިތުންނަށް ޝާމިލްވާނެ ގޮތަށް ފުރުސަތު ފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަޝްރޫޢުތައް ހިންގާފައިވާ އެހެން ޤައުމުތުގަކުގައިވެސް މަަސައްކަތް ކުރިއަށް ގެންދިޔައީ މިގޮތަށް. އެ ޤައުމުތަކުގައި މަސައްކަތް ކުރިއަށް ގެންދިއުމުގައި 100 އެ ޤައުމުގެ ރައްޔިތުން ހަރަކާތްތެރިވާނެ" އީގަލް ހީލްސްގެ ޗެއަރމަން ވިދާޅުވިއެވެ.

އީގަލް ހީލްސްގެ ޗެއަރމަން ވިދާޅުވީ ދިވެހި ރައްޔިތުންނަށްވެސް އިންވެސްޓްމެންޓުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މި ފުރުސަތަކީ އާންމުކޮށް ދޭ ފަހިކޮށްދޭ ފުރުސަތެއް ނޫންކަމަށާއި ނަމަވެސް މިކަން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަހިކޮށްދިނުމަށް ގަސްތު ކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ވީހާވެސް އަވަހަށް މަސައްކަތް ފެށުންކަމާއި، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ކަމަށެވެ. އަދި މިކަމުގައި ސަރުކާރާއި ގާތުން މަސައްކަތްކޮށް މަޝްރޫޢުގެ ކާމިޔާބީއަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވަނީ މި މަޝްރޫޢު ކުރިއަށްދާއިރު ފައިސާ ދައުރުކުރާނީ ދިވެހި ބޭންކުތަކުގައި ކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް ފައިސާއެއް ބޭރުގައި ބަހައްޓައިގެން މަސައްކަތް ނުކުރާނެ ކަމަށާއި ބޭނުންވަނީ ރާއްޖެ ވަންތަ ސިފަތަކާއެކު ރަސްމާލެ މެރީނާ ތަރައްޤީކުރަން ކަމަށް އީގަލް ހިލްސްގެ ޗެއަރމަން ވިދާޅުވިއެވެ.