ޚަބަރު

މާލޭގައި 1360 ހައުސިން ޔުނިޓް: ސިނަމާލެއާއި މާލޭހިޔާގެ މީހުންނަށް ފްލެޓް ދޭނީ މި މަޝްރޫޢުގެ ތެރެއިން


  • މާލެހިޔާއާއި ސިނަމާލޭ ފްލެޓް މަޝްރޫޢުގައި 128 ހައުސިން ޔުނިޓް ހިމެނޭ

  • މިހާރު ފްލެޓް ހުރި ބިމުގައި ހުރި އިމާރާތްތައް ތަޅާލާ، އިތުރަށް ތަރައްޤީކުރާނެ

މާލޭގައި 1360 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުއެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ، މާލޭގެ ސިނަމާލެއާއި މާލެހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ދޭނީ މި މަޝްރޫޢޫގެ ތެރެއިންކަމަށެވެ.

ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޯހިވަހިކަމުގެ ދާއިރާއިން ކުރަމުންދާ މަސައްކަތުގެ ތަފްސީލްތައް ޙިއްސާކުރައްވާފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މާލެ ސިޓީ މޭޔަރުގެ ގޮތުގައި ހުންނެވިއިރު، ސިނަމާލެއާއި މާލެ ހިޔާގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މަޝްރޫޢުއެއް ހިންގުމަށް އެއްބަސްވުމެއް ޤާއިމުކޮށްފަވާކަމަށެވެ. އަދި އެ މަސައްކަތް މިހާރުގެ ސިޓީ ކައުންސިލްގެ ތެރެއިން ކުރިއަށްދާނެކަމަށެވެ.

ރައީސް ވިދާޅުވީ މި މަޝްރޫޢުގައި ހިމެނެނީ 4 ކޮޓަރި، 3 ކޮޓަރި އަދި 2 ކޮޓަރީގެ ޔުނިޓްތައްކަމަށެވެ. އެއީ ޖުމްލަ 1360 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއްކެވެ. މި ޕްރޮޖެކްޓްގެ ތެރެއިން ފުރަތަމަ އަޅާނީ 2 ޓަވަރުކަމަށާއި، އެ ފްލެޓްތަކުން ފުރަތަމަ ފުރުޞަތު ދޭނީ މާލެހިޔާއާއި ސިނަމާލޭގައި ދިރިއުޅޭ 128 އާއިލާއަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބާކީ ހިމެނޭ ހައުސިން ޔުނިޓްތައް ސަރުކާރުން އެހެނިހެން ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ދޫކުރާނެކަމަށް ރައީސް ވިދާޅުވެއެވެ. ސިނަމާލެ ފްލެޓްތަކަކީ 30 އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައިވާ ފްލެޓްތަކެކެވެ. އަދި މި އިމާރާތްތައް މިހާރު ވަނީ ވަރަށް ބޮޑަށް ބާލެ ހަލާކުވެފައެވެ.

"ސިނަމާލެއާއި މާލެހިޔާގެ ފްލެޓްތައް ވަނީ ވަރަށް ބޮޑަށް ބާވެފައި. އެތަންތަން ހުރީވެސް މިލްކުވެފައި. އާ ބިލްޑިންގް އަޅާ މި އާއިލާތަކަށް ޔުނިޓް ދޫކުރާނެ. ދެ ބާ ވެފައިވާ އިމާރާތްތައް ތަޅާލާ އެތަންތަނުގައި މި ޕްރޮޖެކްޓްގެ ތެރެއިން އަލުން ތަރައްޤީކުރާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާލެ ސަރަހާއްދުގައި ކުރިއަށްދާ އިތުރު މަޝްރޫޢުތަކަށް ބަލާއިރު، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 4200 ފްލެޓް އަދި ސައުދީ ސަރުކާރުގެ ލޯނު އެހީގެދަށުން 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށެވެ.

ރައީސް ވިދާޅުވީ ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތްވެސް ޖުލައި މަހުގެ ނިޔަލަށް ހިއްކާ ނިމޭނެކަމަށެވެ.

ސަރުކާރުގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު، ކުރީގެ ސްކީމްތަކުން ފްލެޓް ލިބޭނަކަމަށް ބުނެ ނަމަވެސް ފަހުން އުނިކުރި މީހުންނަށް ފްލެޓް ދޭނެކަމަށް ވެވަޑައިގެންވާ ވަޢުދާ އެއްގޮތަށް އެކަން ކުރިއަށްދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ހިޔާ މަޝްރޫޢުއިން އުނިކުރި މީހުންނަށްވެސް ފްކެޓް ދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން އަތޮޅުތަކާ މާލެ ސަރަޙައްދުގެ މަޝްރޫޢުތަކުގެ ތަފްސީލް ޙިއްސާކުރައްވާފައިވެއެވެ. އަތޮޅުތަކުގައި 57 ރަށުގައި ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދުމަށްވެސް ވަނީ އިޢުލާނުކޮށްފައެވެ. ރައީސް ވަނީ އަތޮޅުތަކުގައި ހިންގާ ހައުސިންގ މަޝްރޫޢުތައްވެސް 3 އަހަރުގެ ތެރޭގައި ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަމަށެވެ.