ޚަބަރު

ދައުލަތުގެ ރިޒާވްވަނީ ރަނގަޅު ރާސްތާއަކަށް ގެނެވިފައި: ރައީސް


  • ލޯނު އަނބުރާ ދެއްކުމަށް މިއަހަރުގެ މިހާތަނަށް 2.5 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވޭ

  • ސޮވްރިންގ ޑިވޮލޮޕްމަންޓް ފަންޑު މިއަދާ ހަމައަށް 121 މިލިޔަން ޑޮލަރަށް އިތުރުކުރެވިފައިވޭ

ދަޢުލަތުގެ ރިޒާވްވަނީ ރަނގަޅު ރާސްތާއަކަށް ގެނެވިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދަޢުލަތުގެ މާލީ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ލޯނު އަނބުރާ ދެއްކުމަށްޓަކައި މިއަހަރުގެ މިހާތަނަށް 2.5 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. މީގެތެރެއިން ކުރިން ނަގާފައިހުރި ލޯނުތައް ދެއްކުމަށް 100 މިލިޔަން ޑޮލަރު ހޭދަކުރަންޖެހުނުކަން ރައީސް ފާހަގަކުރެއްވިއެވެ. މިހާރު ރާއްޖޭގެ މާލީ ހާލަތު ހުރީ ރަނގަޅު ރާސްތާއެއްގައި ކަމަށާއި ރިސަރވް އިތުރުވަމުންދަނީ ރަނގަޅު މިސްރާބަކަށްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކަންކަމަށް ހަރަދުކުރަމުންދަނީ ރޭވުންތެރިކަމާއެކު ކަމަށެވެ.

ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު 2 މިލިޔަން ޑޮލަރުގައި ހުރި ސޮވްރިންގ ޑިވޮލޮޕްމަންޓް ފަންޑު، މިއަދާ ހަމައަށް 121 މިލިޔަން ޑޮލަރަށް އިތުރުކުރެވިފައިވާކަމަށެވެ. އަދި މިއީ ބޭރުގެ ދަރަނި ދައްކަމުން ޖަމާކޮށްފައިވާ އަދަދެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

"121 މިލިޔަން ޑޮލަރު 30 އޭޕްރީލްގެ ނިޔަލަށް ޖަމާކުރެވިއްޖެ، އެސްޑީއެފް ފަންޑަށް، ޙަރަދުތައް ކުރަމުން މި ވަރު ޖަމާކޮށްފައިމިވަނީ" ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މީގެކުރިން ވިދާޅުވެފައި ވަނީ ނިމިދިޔަ ސަރުކާރު 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވިއިރު ސޮވްރިން ފަންޑުގައި 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދަކަށް ފައިސާ ހުރިކަމަށެވެ. ނަމަވެސް އެ ސަރުކާރުގެ ވެރިކަން ނިމުނުއިރު، އެ ފަންޑުގައި ހުރި ހުރިހާ ޑޮލަރެއްހެން މާރުކޮށްފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.