ޚަބަރު

ބިން ހިއްކުމުގެ ބަދަލުގައި ބިންދޭގޮތަށް ހުރި ހުރިހާ އެއްބަސްވުމެއް ވާނީ ބާތިލުކޮށްފައި: ރައީސް


  • ސަރުކާރުގެ ބިން ހިއްކުމުގެ މަޝްރޫޢުތައް ލަސްވީ އެއް ސަބަބަކީ މިފަދަ އެގްރީމަންޓުތައް

  • މިހާރުދަނީ ބިން ހިއްކުމަށް ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުން

  • މިއަހަރުގެ ނިޔަލަށް ރަސްމާލެ މަޝްރޫޢު އެއްކޮށް ހިއްކާ ނިންމާލަންދަނީ މަސައްކަތްކުރަމުން

ރާއްޖޭގެ އެއްވެސް ސަރަޙައްދަކުން ބިންހިއްކުމުގެ ބަދަލުގައި، ބިމެއް ދޭން ކަނޑައަޅާފައިވާ އެއްބަސްވުންތައް ބާތިލުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ޤައުމުގެ ބިމަކީ ބޭރުގެ ފަރާތްތަކަށް އެފަދަ އުސޫލަކުން ދޫކުރަންޖެހޭ ފަދަ އެއްޗެއްކަމަށް ޤަބޫލުނުކުރައްވާކަމަށެވެ.

ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްޓަކައި މީގެކުރިން އެގްރިމަންޓްކޮށްފައިވަނީ، ބިން ހިއްކައިދޭ މަތިން ނުވަތަ އެކަމަށް ޚަރަދު ކުރުމުން އެކަމުގެ ބަދަލުގައި އެސަރަހައްދުން ނުވަތަ އެނޫން ސަރަޙައްދަކުންވެސް ބިންދޭގޮތަށެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިފަދަ ބައެއް އެއްބަސްވުންތައް މީގެކުރީގެ ސަރުކާރުތަކުން އެކުލަވާލާފައިވާކަމަށެވެ. އަދި މިސަރުކާރުގެ އުއްމީދީ މަޝްރޫޢުކަމަށްވާ "ރަސްމާލެ" މަޝްރޫޢު ކުރިއަށްގެންދިޔުމަށް ކުރީގެ މަޖިލީހުން އެއްބާރުލުން ނުލިބުމުން އެ މޮޑެލްގައި ރަސްމާލެ މަޝްރޫޢު މި ސަރުކާރުންވެސް ފެއްޓެވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ބިން ހިއްކުމުގެ ބަދަލުގައި ބިން ދޭ އުސޫލަކީ، ސަރުކާރުން ޤަބޫލުކުރައްވާ އުސޫލެއް ނޫންކަމުން މިހާރު އެ އެއްބަސްވުންވެސް ބަދަލުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރަސްމާލެ މަޝްރޫޢު ފަށަން ބެލިއިރު، އަޅުގަނޑުމެނަށް ތާޢީދުކުރާ މަޖިލީހެއް ނޫން އޮތީ. އެއްގޮތަކަށްވެސް އަޅުގަނޑުމެން ބޭނުންވި މަގެއްފަހިކޮށް ނުދިން. އޭރު އަޅުގަނޑުމެންނަށް އެގްރިމަންޓް މޮޑެލް ހެދެން އޮތްގޮތަށް ހެދީ. އޭގެ ތެރޭގައި ވަރަށް ގިނަ ދުވަސް ހިނގައްޖެ. އަޅުގަނޑުމެން އެގްރިމަންޓް ބާތިލްކޮށްލައިފިން މިހާރު." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބިން ހިއްކުމުން ނުވަތަ އެކަމަށް ޚަރަދުކުރުމުގެ ބަދަލުގައި، ދިގުމުއްދަތަކަށްވިޔަސް ބިން ދޭގޮތަށް ހެދިފައި ހުރި ހުރިހާ އެގްރިމަންޓުތައް ބާތިލުކޮށް އެގޮތަށް ބިން ނުލިބޭގޮތަށް ކުރިއަށް ދިޔުމުގެ މޮޑެލްއަށް މިހާރު މަސައްކަތް ކުރަމުންދާކަމަށެވެ. މިގޮތުން ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އެއްވެސް ފަރާތަކަށް އެފަރާތަކުން ފައިސާ ޚަރަދުކުރުމުން ބިން އެފަރާތަކަށް ދިގުމުއްދަތަކަށްވެސް ނުލިބޭގޮތަށް އަޅުގަނޑުމެން ކުރިއަށްދާނީ. ހަގީގަތުގައި އެހެންވެ ގިރާވަރުފަޅު ހިއްކުންވެސް ލަސްވެގެންދަނީ. ގިރާވަރުފަޅުވެސް އޮތީ އެއާއި ގުޅުވާ ބިންދޭގޮތަށް. އަދި ހުޅުމާލޭ ފޭސް 3ވެސް ވެފައި އޮތީ އެހެން. މިހާރު ނޯންނާނެ ބިން ހިއްކި އެއްވެސް ބަޔަކަށް ސަރުކާރަކުން ދީފަ އޮތް ބިމެއް." ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ ބޮޑު މަޝްރޫޢުކަމަށްވާ ރަސްމާލެ މަޝްރޫޢުގެ މޮޑެލް ބަދަލުކޮށް ކޮންޓްރެކްޓަރުން ހޯދައިގެން ބިން ހިއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މިގޮތުން މިހާރުވެސް 2 ކޮންޓްރެކްޓަރުން މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް 101.46 ހެކްޓަރުގެ ބިންވަނީ ހިއްކާ ނިންމާލާފައެވެ. އަދި އިތުރު ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިއަހަރުގެ ނިޔަލަށް ބިން ހިއްކާ ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.

ބިން ހިއްކުމުގެ މަޝްރޫޢުތައް ހިންގުމަށް ބިމުގެ ބަދަލުގައި ބިންދޭގޮތަށް ހުޅުމާލޭ ފޭސް 3 އާއި ތިލަފުއްޓާއި ދިޔަނެރުފަޅު ހިއްކުމަށް ކުރީ ސަރުކާރުންވަނީ ހުޅުމާލެއާއި، ތިލަފުށިން ބިން ވިއްކައިގެން އަގު އަދާކުރާ، ކޯޕަރޭޓް ގެރެންޓީ އުސޫލުން ބިން ހިއްކުމުގެ އެގްރިމަންޓުކޮށް މަސައްކަތް ކުރިއަށްގެންގޮސްފައެވެ. މިގޮތުން 96 ހެކްޓަރުގެ ބިން ހިއްކުމަށް އޭރުވަނީ 20 ހެކްޓަރުގެ ބިން ކޮންޓްރެޓަކަށް ދޫކޮށްލާފައެވެ.

މީގެ ތެރޭގައި ހުޅުމާލެއިން 10 ހެކްޓަރުގެ ބިން އަދި ތިލަފުށިން 9.6 ހެކްޓަރުގެ ބިން ދޫކުރުމަށް ކަނޑައަޅާފައިވާއިރު އެއީ ކޮންޓްރެކްޓަރ ހިއްކާ ކޮންމެ ހެކްޓަރަކަށް އެޗްޑީސީއަށް އޭރު ލިބޭގޮތަށް ކަނޑައަޅާފައިއޮތީ 4.94 ހެކްޓަރުގެ ބިމެވެ. މިއީ ނިސްބަތުން 20 އިންސައްތަ ބިން ކޮންޓްރެކްޓަރަށް ލިބޭގޮތަށް އޭރު އެގްރިމަންޓުތަކުގެ ދަށުންވަނީ މަސައްކަތްކުރިއަށްގެންގޮސްފައެވެ.