ޚަބަރު

ތެދު ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ޕީއެސްއެމް ނިއުސްއިން ކުރަމުންދަނީ ނަމޫނާ މަސައްކަތެއް: ރައީސް


  • ޕީއެސްއެމް ނިއުސް ޗެނަލްގެ މަސައްކަތްތަކަށް ރައީސް ވަނީ ތަޢުރީފު ކުރައްވާފައި

ތެދު ޚަބަރާއި މަޢުލޫމާތު ތާޒާކަމާއެކު ފެތުރުމުގައި ޕީއެސްއެމް ނިއުސްއިން ކުރަމުންދަނީ ނަމޫނާ މަސައްކަތްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ 8 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޕީއެސްއެމް ނިއުސްގެ 8 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަހަރީ ދުވަހުގެ ތަހުނިޔާ ޕީއެސްއެމް ނިއުސްގެ ހުރިހާ ޚިދުމަތްތެރިންނަށް އަރިސްކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ޕީއެސްއެމް ނިއުސް ޗެނަލުން ތެދު ޚަބަރާއި މަޢުލޫމާތު ތާޒާކަމާއެކު ފެތުރުމުގައި ދުވާލާއި ރޭގަނޑު ހުއްޓުމެއްނެތި ކުރަމުންދަނީ ނަމޫނާ މަސައްކަތްތަކެއްކަމަށެވެ. އަދި ނިއުސް ޗެނަލުގެ ހިތްވަރާއި ޤައުމީ ޚިދުމަތް ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ސާބަަސް ދަންނަވާފައެވެ.


ޚަބަރާއި ކަރަންޓު އެފެއާޒް ކަންކަމަށް ޚާއްސަކޮށްގެން ޕަބްލިކް ސަރވިސް މީޑިއާގެ ކުޑައިގެ ދަށުން ޕީއެސްއެމް ނިއުސް ޗެނަލް ވުޖޫދުވީ 3 މެއި 2017 ވަނަ އަހަަރުގައެވެ. މި ޗެނަލް ވުޖޫދުވީ 24 ގަޑިއިރު ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދޭ ވަކި ޗެނަލެއްގެ ގޮތުގައި ނިއުސްރޫމަށް ޚާއްސަ ޗެނަލެއްގެ ގޮތުގައެވެ.

ވަކި ޗެނަލެއްގެ ގޮތުގައި އުފެދުނީންސުރެ ޕީއެސްއެމް ނިއުސް ފާހަގަކޮށްލެވެނީ އެންމެ ފަހުގެ ޚަބަރުތައް އިތުބާރާއި ޔަޤީންކަމާއެކު އާންމުންނަށް ގެނެސްދޭ ޗެނަލެއްގެ ގޮތުގައެވެ. މުޅި ނިއުސް ޗެނަލްގެ މައިގަނޑު އަމާޒަކީވެސް މިއީއެވެ.

ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ކުރިންސުރެއް ގެންގުޅެމުންދިޔަ ގޮތްތަކަށް ބަދަލުގެނެސް، ފަހުގެ ޓެކްނޮލޮޖީއާއި ބްރޯޑްކާސްޓިންގ ސްޓޭންޑެޑްތަކާ އެއްގޮތަށް ތަފާތު ކޮންޓެންޓުތަކެއް ޕީއެސްއެމް ޗެނަލުން އަންނަނީ ގެނެސްދެމުންނެވެ.

ޕީއެސްއެމް ނިއުސްއަކީ ހަމައެކަނި ކަރަންޓް އެފެއަރޒް ކަވަރޭޖުތަކާއި ޚަބަރު ގަޑިތަކަށް އެކަނި ޚާއްސަ ޗެނަލެއް ނޫނެވެ. މި ޗެނަލުން ދަނީ ކަރަންޓް އެފެއަރޒް ޕްރޮގުރާމްތަކާއި ދުވަހުން ދުވަހަށް އަދި ހަފުތާއިން ހަފުތާއަށް އައު ޕްރޮގުރާމްތައް ތައްޔާރުކޮށް، އާންމުންނަށް ގެނެސްދެމުންނެވެ.

ހަމައެހެންމެ ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ޚާއްސަ ދުވަސްތަކާއި މުނާސަބާތަކާގުޅޭ ޚާއްސަ ޕްރޮގްރާމްތަކާއި، ޑޮކިއުމެންޓްރީތަކާއި، އަދި ކަވަރޭޖްތައްވެސް އަންނަނީ ގެނެސްދެމުންނެވެ.