ޚަބަރު

އިންސާނާގެ ޝަޚުސިއްޔަތު ކަތިލެވޭފަދަ ޚަބަރު ފެތުރުންވަނީ ނަހީކުރައްވާފައި: ވަޒީރު ޑރ.ޝަހީމް


  • އިންސާނާގެ އަބުރާއި ޝަރަފު ހިމާޔަތް ކުރުމަކީ މުހިންމުކަމެއް

  • ކޮންމެ މަޢުލޫމާތެއް ނުވަތަ ޚަބަރެއް ގެނެސްދޭއިރުވެސް އެކަން ކަށަވަރުކުރުމަށް ގޮވާލެއްވި

އިންސާނާގެ ޝަޚުސިއްޔަތު ކަތިލެވޭފަދަ އެއްވެސް ޚަބަރެއް ނުވަތަ މަޢުލޫމާތެއް ފެތުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާކަމެއްކަން ފާހަގަކުރައްވާ އެކަން ނުކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ގޮވާލައްވައިފިއެވެ.

ވަޒީރު މިފަދައިން ގޮވާލެއްވީ ޕީއެސްއެމް ނިއުސްގެ 8 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޕީއެސްއެމް ނިއުސް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ޚާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މާތް ﷲ އިންސާނާއަށް ވަރަށް މަތިވެރި މަޤާމެއް ދެއްވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ އެމަޤާމަކީ އެއްވެސް މަޚުލޫގަކަށް ނުދެއްވާ މަތިވެރި މަޤާމެއްކަމަށެވެ. އިސްލާމީ ޝަރީޢަތުގައި ވަރަށް މަތިވެރި 5 މަޤްޞަދެއް މާތް ﷲ ލައްވާފައިވާކަމަށާއި އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ އިންސާނާގެ އަބުރާއި ޝަރަފު ހިމާޔަތް ކުރުންކަމަށެވެ.

ވަޒީރު ވިދާޅުވީ އިންސާނާގެ ޝަޚުސިއްޔަތު ކަތިލެވޭފަދަ އެއްވެސް ޚަބަރެއް ނުވަތަ މަޢުލޫމާތެއް ފެތުރުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަމަށެވެ. އެހެންކަމުން އިސްލާމްދީނުގައި އިންސާނާގެ އަބުރު ހިމާޔަތްކޮށްފައިވާކަމަށާއި ސާބިތު ނުހިފޭ ވާހަކަ ދެއްކުން ޙަރާމްކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ މަޢުލޫމާތެއް ނުވަތަ ޚަބަރެއް ގެނެސްދޭއިރު އެކަން ކަށަވަރުކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.

"އޭނާގެ މާތްކުރުމުގެ ތެރޭގައި ހިމެނޭކަމެއް އެއީ އޭނާގެ އަބުރާއި ޝަރަފު ﷲ އައްޒަވަޖަލް ރައްކާތެރިކުރުން. މާތްﷲ ވަހީކުރައްވާފައިވޭ، އެއްވެސް ޚަބަރެއް ފާސިގަކު ގެނެސްފިނަމަ އެއާ މެދުގައި ކަށަވަރުކުރާށޭ."އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ޕީއެސްއެމް ނިއުސްއަކީ ވަރަށް ތާޒާކަމާއެކު ވަގުތުން ވަގުތަށް ޚަބަރުތައް ރައްޔިތުންނާ ހިއްސާކުރާ ޗެނަލެއްކަމަށެވެ. ވަޒީރު ވިދާޅުވީ މިފަދަ މަސައްކަތެއް ކުރާއިރު ކިތަންމެ މަދު ބަޔަކު ކުރިނަމަވެސް ހީވާގި ކަމާއި މުރާލިކަމާއެކު މަސައްކަތް ކުރާނަމަ ދެމީހަކަށްވެސް ތިން މީހަކަށްވެސް މަސައްކަތް ކުރެވިދާނެކަމަށެވެ. އަދި ޕީއެސްއެމް ނިއުސްއިން
ޚަބަރުތައް ލިޔެ ފަތުރާ ގޮތައް ތަޢުރީފްކުރައްވައި ވަޒީރު ޝަހީމް ވިދާޅުވީ ޕީއެސްއެމުން ޚަބަރާއި މަޢުލޫމާތު ފަތުރަމުންދަނީ މިހާރުގެ ޖީލަށް ވަރަށް ކަމުދާގޮތަށްކަމަށެވެ.