މައިމީހާއާއި އަލަަށް އުފަން ކުދިންނަށް ދެވޭ ފަރުވާގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބަޔަކީ ފޫޅުމައިންކަމަށާއި، މި ދާއިރާއިން މީހުން ތަމްރީންކުރުމަށް އިސްކަންދޭން ޖެހޭ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވެއްޖެއެވެ.
ޢަބްދުއްރައްޒާގު ޙަލީމް މިހެން ވިދާޅުވީ ދުނިޔޭގެ ފޫޅުމައިންގެ ދުވަސް ފާހަގަކުރުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ ފޫޅުމައިންނަކީ ވަރަށް ބޮޑު ޒިންމާއެއް އުފުލާ ބައެއް ކަމަށާއި، މައިންނަށާއި އަލަށް އުފަންވާ ކުދިންނަށް ދެވޭ ފަރުވާގެ އެންމެ މުހިންމު އެއް ތަނބުކަމަށެވެ.
ކުއްޖަކު އުފަންކުރުމުގެ އުފާވެރި އަދި ނާޒުކު މަރުހަލާގައި ވިހެއުމުގެ ރައްކާތެރިކަން ކަށަވަރުކޮށް މައިންނަށް އެހީތެރިވެދީ، އަލަށް އުފަންވާ ކުދިންނަށް ބޭނުންވާ ފަރުވާދޭ ބަތޮލުންނަކީ ފޫޅުމައިންކަން ޢަބްދުއްރައްޒާގު ޙަލީމް ފާހަގަކުރެއްވިއެވެ.
މި މަސައްކަތުގެ ކޮންމެ ސިކުންތަކީ މައިމީހާއާއި ކުޑަދަރިފުޅަށް މުހިންމު ވަގުތަކަށް ވީހިނދު، ކޮންމެ ދުވަހަކު ކޮންމެ ޝިފްޓެއްގައި އެއްފަހަރާ ގިނަ އަދަދެއްގެ މައިންނާއި، އަލަށް އުފަންވަ ކުދިންނަށް ފަރުފުވާ ދިނުމުގައި ފޫޅުމައިންގެ ދައުރަކީ ބޭނުންތެރި އަގުނުކުރެފެވޭނެ ފަޚުރުވެރި ދައުރެއްކަމަށްވެސް ޢަބްދުއްރައްޒާގު ޙަލީމް ވިދަޅުވިއެވެ.
ސިއްޙީ ނިޒާމުގައި ފޫޅުމައިންގެ މުހިންމުކަން ފާހަގަކުރައްވަމުން ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ، މި ދާއިރާގައި އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ ޑިމާންޑާއި އެއްވަރަށް ފޫޅުމައިން ނުލިބުން ކަމަށެވެ. އަދި މި ދާއިރާއިން ސްޕެޝަލައިޒް ނުވެވުމަކީވެސް މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އޮތް ހުރަހެއްކަން ރައްޒާޤު ވިދާޅުވިއެވެ.
"މިޑްވައިފަރީގެ ދާއިރާއިން ސްޕެޝަލައިޒް ވެވެން ނެތުމަކީ ވަޒީފާގައި ތިބި މިފަދަ ދާއިރާތަކުން ހާއްސަވުމަށް އޮތް ހުރަހެއްކަން ފާހަގަކުރަން، މިއީ ގުޅުން ހުރި އިދާރާތަކުން މަސައްކަތްކޮށްފިނަމަ ދަތިތަކާއި އެކުވެސް ހައްލުކުރަން ޖެހޭ ސިއްހީ ނިޒާމަށް ކޮންމެހެން ބޭނުންތެރިކަމެއް، އެހެންކަމުން އެންމެ ގުޅިގެން މިޑްވައިފަރީގެ ދާއިރާއިން އިންވެސްޓުކުރަންޖެހޭ،" ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވިއެވެ.
އަދި މި ފޫޅުމައިންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ވޯކްޝޮޕްގައި ބައިވެރިވި 23 ފަރާތަކަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.