ދިވެހިރާއްޖޭގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ސައުދީ އަރަބީއްޔާގެ ޝާހީ އައިލާގެ އަމީރު ފަހަދް ސަޢުދު އަލްޝަލަން ތަޢުރީފްކުރައްވައިފިއެވެ.
ސައުދީ އަމީރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ވަނީ ކުރައްވާފައެވެ. ސައުދީ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ އަމީރު ފަހަދް ސަޢުދު އަލްޝަލަން އަކީ ރާއްޖޭގައި ތަރައްޤީ ކުރާ މާލީ މަރުކަޒަށް އިންވެސްޓް ކުރުމުގެ ޔަޤީންކަން ދެއްވާފައިވާ ފަރާތެކެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝިއަލް ސެންޓަރ ވެގެންދާނީ ދިވެހިރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައި އެއް ތަނބަށްކަމުގައި ވިދާޅުވިއެވެ. ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ އަގުވަޒަންކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތަރެކަމާއި ބެހޭ ވުޒާރާއާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދެމެދު ވެވުނު މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސެންޓަރ، އެމްއައިއެފްސީ އުފެއްދުމުގެ އެއްބަސްވުން ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެވަޑައިގަތުމުން، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސައުދީ އަމީރަށް ޝުކުރު އަދާކުރައްވާފައެވެ.
ސައުދީ އަމީރު ފަހަދް ސަޢުދު އަލްޝަލަންގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސަޢޫދީ ޢަރަބިއްޔާއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައި، ދެޤައުމުގެ މެދުގައި ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ތަޢުރީފުކުރައްވައި، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ ޝައުގުވެރިކަން އެ މަނިކުފާނު ފާޅުކުރެއްވިއެވެ.
މި އިޙްތިރާމުގެ ޒިޔާރަތް ނިންމަވާލެއްވީ، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާގެ ގުޅުން ކުރިމަގުގައި އައު އުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.