ޚަބަރު

ޕްރިޒަން ކޮމްޕްލެކްސްއާއި ހޯޕް އައިލެންޑް ތަރައްޤީކުރާނެ ބަޔަކު ހޯދުމުގެ މުއްދަތު އިތުރުކޮށްފި


  • ހޯޕް އައިލެންޑް ހެދުމަށް 15 ހެކްޓަރުގެ ބިން ހިއްކާނެ

  • ޕްރިޒަން ކޮމްޕްލެކްސް އެޅުމަށް 30 ހެކްޓަރުގެ ބިން ހިއްކާނެ

  • މިތަންތަން އިމާރާތްކުރަނީ އުތުރުތިލަފަޅުގައި

ޕްރިޒަން ކޮމްޕްލެކްސްއާއި، ކުށްކުރާ ކުޑަކުދިން ރިހެބިލިޓޭޓްކުރުމަށް ޤާއިމުކުރާ ހޯޕް އައިލެންޑް ތަރައްޤީކުރުމަށް، ބަޔަކު ހޯދަން ކުރި އިޢުލާނުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޕްރިޒަން ކޮމްޕްލެކްސްއާއި ހޯޕް އައިލެންޑް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވަނީ އުތުރު ތިލަފަޅުގައެވެ.

ޕްރިޒަން ކޮމްޕްލެކްސްއަކީ މިހާރު އެކި ރަށްރަށުގައި ހިންގަމުންދާ ޖަލުތައް، ސެންޓްރަލް އެއް ޖަލަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. އަދި ހޯޕް އައިލެންޑަކީ ކުށުގެ ވެށީގައި އުޅޭ ކުދިން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ނެރުމަށް ބޭނުންވާ މަސައްކަތްތަކަށް ޤާއިމުކުރާ ތަނެކެވެ. މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ޝަޢުގުވެރިކަން ފާޅުކުރުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ގިނަ ފަރާތްތަކަށް ފުރުޞަތުދިނުމުގެގޮތުންކަމަށެވެ.

ހޯޕް އައިލެންޑްގެ މަސައްކަތަށް 15 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މިއީ ފެސިލިޓީގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭހެން ޖުމްލަ 700 މީހުންނަށް ތިބެވޭގޮތަށް ތަރައްޤީކުރާ ފެސިލިޓީއެކެވެ. މިތަނުގައި ރެޒިޑެންޝަލް ޔުނިޓް، އެޑިއުކޭޝަން ހަބް، ޓްރެއިނިން ފެސިލިޓީ، ކުޅިވަރުކުޅެވޭނެ ތަންތަން، މެޑިކަލް ފެސިލިޓީގެ އިތުރުން 700 މީހުންގެ ޖާގައިގެ މިސްކިތަކާއި ކޮމިއުނިޓީ އެންޑް ފެމިލީ އޭރިއާވެސް ހިމެނެއެވެ.

ހޯޕް އައިލެންޑަށް ގެންދާ ކުދިން ޢުމުރުން ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެކަމަށް ސަރުކާރުންވަނީ ކުރިން ވިދާޅުވެފައެވެ. އެތަނުގައި ކުދިންގެ އަޚުލާގު ރަނގަޅުކުރުމަށް ހިންގާ ޕްރޮގްރާމްތަކާއި ތަޢުލީމާއި ތަމްރީން ދިނުމާއި އަދި ވަކި އުމުރަކަށް ދިއުމަށް ވަޒީފާގެ ތަޖުރިބާއާއި ފުރުޞަތުތައް ހޯދައިދޭނެއެވެ.

ޕްރިޒަން ކޮމްޕްލެކްސް އެޅުމަށް 30 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. ޕްރިޒަން ކޮމްޕްލެކްސްގައި، ރެޒިޑެންޝަލް ޔުނިޓް، ޑްރަގް ރިހެބިލިޓޭޝަން ފެސިލިޓީ، ހާފްވޭ ހައުސް، އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ފެސިލިޓީ، 1000 މީހުންގެ ޖާގައިގެ މިސްކިތެއް، މެޑިކަލް ފެސިލިޓީ އަދި މިނޫންވެސް ޖަލަށް ބޭނުންވާނެ ޚިދުމަތްތައް ހިމެނެއެވެ. މި ފެސިލިޓީއަކީ މިހާރު ވަކިވަކި ޖަލުތަކުގައި ޚިދުމަތް ދިނުމުގެ ސަބަބުން ދިމާވާ ދަތިތަކާ މައްސަލަތައް ހައްލުކުރުމަށް ހިންގާ މަޝްރޫޢެކެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މި މަޝްރޫޢު ހިންގުމަށް ޝަޢުގުވެރިވާ ފަރާތްތަކުން މިމަހުގެ 18ވަނަ ދުވަހުގެ މެންދުރު 02:00ގެ ކުރިން އެކަމަށް ހެދި ހުށައަޅަންޖެހެއެވެ. މިކަމާ ގުޅޭ ތަފްސީލްތައް ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ.