މި ފަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ކުލަބަކީ އާސެނަލް ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ފްރާންސްގެ ޕީއެސްޖީ އަތުން ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އާޓެޓާ ބުނެފައިވަނީ އެ ޓީމުގެ ކުޅުންތެރިންނާއިމެދު އޭނާ ފަހުރުވެރިވާ ކަމަށެވެ.
"މި ކުޅުންތެރިންނާއި މެދު އަހަރެން ފަހުރުވެރިވަން އަދި %100 އަހަރެންނަށް ޔަގީން މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަކުރި ކްލަބްތަކުގެ ތެރެއިން އެންމެ މޮޅު ކްލަބަކީ އާސެނަލް ކަން. ނަމަވެސް އަހަރުމެން މިވަނީ ފައިނަލަށް ނުގޮސް މުބާރާތުން ކަޓާފައި." އާޓެޓާ ބުންޏެވެ.
އާޓެޓާ އިތުރަށް ބުނެފައިވަނީ ސެމީ ފައިނަލުގެ ދެ މެޗުގައިވެސް އެ ޓީމުން މޮޅަށް ކުޅެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާ ކަމަށާއި ނަމަވެސް ލިބުނު ފުރުސަތުތައް ގޯލަށް ބަދަލުކުރެވުނުނަމަ އެ ޓީމު އޮންނާނީ ފައިނަލުގައި ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
2006 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޖާގައެއް ހޯދުމަށް އާސެނަލް އިން މަސައްކަތް ކޮށްފައިވާއިރު އާޓެޓާ ބުނެފައިވަނީ މެޗަށްފަހު ޗޭންޖިންގ ރޫމް ތެރެއިން ކުޅުންތެރިންގެ މާޔޫސްކަން ފެނިގެންދިޔައިރު އެއީ ހިތްދަތި ވަގުތެއް ކަމަށެވެ.
އާޓެޓީ އިތުރަށް ބުނެފައިވަނީ ޕީއެސްޖީ އާއި ދެކޮޅަށް ކުޅުނު ދެ މެޗުގައިވެސް ތަފާތު ފެނިގެންދިޔައީ ޕީއެސްޖީގެ ކީޕަރު އިޓަލީގެ ޖިއާންލުއިޖީ ޑޮންނަރޫމާގެ ފަރާތުން ކަމަށެވެ. އަދި މި ފަހަރުގެ މުބާރާތުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކަންތައްތަކަށް ބަލާއިރު ރަގަޅު ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ކަމަށާއި އެ ތަޖުރިބާގެ އަލީގައި ކުރިއަށް އޮތް މުބާރާތުގައި ރަގަޅު ނަތީޖާތަކެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.