ޚަބަރު

ހުރްމުޒްއިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް ހަމަލާއެއް، 12 ފަޅުވެރިން ޒަހަމް


ޕެނާމާގެ ދިދައިގައި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ”އޮން ޕީސް“ ތެޔޮ ޓޭންކަރަށް ގޮތް ނޭނގޭ ހަމަލާއެއް އަމާޒުވެ 12 ފަޅުވެރިންނަށް ޒަޚަމްވެފައިވާ ކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އެޖެންސީއިން ބުނީ އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހު ދީފައިވާ ހަމަލާގެ ސަބަބުން ޓޭންކަރުގެ އިންޖީނު ކޮޓަރީގައި އަލިފާން ރޯވެފައިވާ ކަމަށެވެ.

އިންޑިއާއިން ބުނީ ޓޭންކަރުގައި ޖުމްލަ 13 ފަޅުވެރިން ތިބިއިރު، ޒަޚަމްވި 12 ފަޅުވެރިންގެ ތެރެއިން 11 މީހުންނަކީ އިންޑިއާގެ ރައްޔިތުން ކަމަށެވެ. ޢުމާންގެ އިދާރާތަކުގެ އެހީތެރިކަމާއެކު ޒަޚަމްވި ފަޅުވެރިން ބޯޓުން ބާލައި، ޢުމާންގެ ޚަސަބުގައި އެ މީހުންނަށް ޞިއްޙީ ފަރުވާ ދެމުންދާ ކަމަށް ވެސް އެ ޤައުމުން ބުނެފައިވެއެވެ.

އުޅަނދުގެ އޭޖެންޓު، އެންގްލޯ އީސްޓަން ޓޭންކް މެނޭޖްމަންޓް ހޮންގކޮންގ އަދި އޮޕަރޭޓަރު އޮނެކްސް ޑީއެެމްސީސީއިން ހަމަލާއާ ގުޅޭ ގޮތުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެ ޓޭންކަރު އެންމެ ފަހުން ފެނިފައި ވަނީ އެކުވެރި ޢަރަބި އިމާރާތުގެ ފުޖައިރާއަށް އޮގަސްޓު މަހުގެ 26ވަނަ ދުވަހު ތެޔޮ ބާލަނިކޮށެވެ. އެ އުޅަނދުން އެ މަސައްކަތް ކުރަމުން ދިޔައީ ޓްރާންސްޕޮންޑަރު ނިއްވާލައިގެންނެވެ.

ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔެއަށް ބޭނުންވާ ތެލުގެ ފަސްބައި ކުޅަ އެއްބައި އުފުލުމަށް ބޭނުންކުރާ މައި މަގެކެވެ. މި އަހަރުގެ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އެެމެރިކާއިން އިސްވެ އީރާނަށް ހަމަލާ ދިނުމުން ފެށުނު މެދުއިރުމަތީގެ ހަނގުރާމައިގައި އީރާނުން ދަނީ އެ ކަނޑުއޮޅި ބޭނުން ކުރުމަށް ހުރަސްއަޅަމުންނެވެ. އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)އިން ވަނީ ސެޕްޓެމްބަރު މަހުގެ 24ވަނަ ދުވަހާ ހަމައަށް ހުރްމުޒް ކަނޑުއޮޅިއާއި މެދުއިރުމަތީގެ ސަރަޙައްދުން އުޅަނދު ފަހަރު ހިމެނޭ 85 ހާދިސާއެއް ހިނގާފައިވާ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ފާއިތުވި ސެޕްޓެމްބަރު މަހުގެ ތެރޭގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުވެފައިވާ ހަމަލާތައް ހިމެނެއެވެ.