މެންޗެސްޓާ ސިޓީގެ ކެޕްޓަން ކެވިން ޑި ބްރޭނާ ލައްވައި އަންނަ ސީޒަނުގައި ކުޅުވަން އިނގިރޭސި ޗެމްޕިއަން ލިވަޕޫލްއިން ޝައުގުވެރިވެއްޖެއެވެ.
އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި މި ސީޒަން ނިމުމުން ސިޓީ ދޫކޮށްލާ ބެލްޖިއަމްގެ މިޑްފީލްޑަރަށް ލިވަޕޫލުން މިހާރު ވަނީ އެއްބަސްވިމެއް ހުށަހަޅާފަ އެވެ. ނަމަވެސް މީގެ ތަފްސީލެއް އެއްވެސް ފަރާތަކުން މިހާތަނަށް ހާމަނުކުރެ އެވެ.
ޑި ބްރޭނާ ސިޓީ ދޫކޮށްލަން ނިންމީ އެ ކުލަބުން އޭނާއަށް އައު އެއްބަސްވުމެއް ހުށަނޭޅުމުންނެވެ. ސިޓީގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ބުނީ ކުލަބުން އޭނާ އަށް އިތުރު ސީޒަނެއްގައި ކުޅުމުގެ ފުރުސަތު ނުދޭން ނިންމުމުން ހައިރާންވާ ކަމަށެވެ.
"އަހަރެންނަށް އެނގޭ އަހަރެންގެ އުމުރުން މިހާރު 25 ނޫންކަން. އެކަމަކު ވެސް އަދި އަހަރެންނަށް ވާދަކުރެވޭނެ. އަހަރެން ކޮންމެ ޓީމަކަށް ކުޅެފާނަން،" ޑި ބްރޭނާ ބުންޏެވެ.
ޑި ބްރޭނާ ސިޓީ ދޫކޮށްލާން އެނގުމާއެކު ސައޫދީ އާއި އެމެރިކާގެ ކުލަބުތަކުން ވެސް ދަނީ އޭނާގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޑި ބްރޭނާ ބޮޑަށް ބަލާނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކުން ފުރުސަތު ލިބޭނެމަ އެއިން ކުލަބެއްގައި މަޑުކުރުން ކަމަށް އޭނާއާ ގާތް ގުޅުން އޮންނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އުމުރުން މިހާރު 33 އަހަރުގެ މިޑްފީލްޑަރު ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާނެ އެވެ.
"މުޅި އަހަރު (މި ސީޒަން) މިދަނީ އަހަރެންނަށް ހުށަހެޅުމެއް ނުލިބި. އެހެން ތިބިފައި އެމީހުން އަމިއްލަ އަށް ގޮތެއް ނިންމީ. މިއީ އަހަރެން ހައިރާންވި ކަމެއް. އެކަމަކު އަހަރެންނަށް އޮތީ ކުލަބުގެ މި ނިންމުން ގަބޫލުކުރުން. އަހަރެންނަށް ހީވަނީ އަހަރެން މިހާރު ޕާފޯމް ކުރާ ލެވެލްގައި އަދި އަހަރެންނަށް ކުޅެވިދާނެހެން. އެކަމަކު ވެސް އަހަރެންނަށް އެނގޭ ކުލަބުކަން ކޮންމެ ކަމެއްގައި ވެސް ގޮތް ނިންމާނީ،" ޑި ބްރޭނާ ބުންޏެވެ.
އޭނާ ސިޓީއާ ގުޅުނީ 2015 ވަނަ އަހަރު ޖަރުމަނުގެ ވުލްފުސްބާގުންނެވެ. މިހާތަނަށް ވަނީ 16 ތަށި ހޯދައިދީފަ އެވެ. މީގެ ތެރޭގައި ޗެމްޕިއަންސް ލީގަކާއި އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ތަށިވެސް ހިމެނެ އެވެ.
ޑި ބްރޭނާ ބުނީ އޭނާއަށް އައު އެއްބަސްވުމެއް ސިޓީން ނުދިން ސަބަބެއް ކަމަށް ބެލެވެނީ މި ސީޒަނުގައި އެކުލަބުގެ ޕާފޯމަންސް މާބޮޑަށް ދަށްވުން ކަމަށެވެ. ނަމަވެސް ޓީމު މިހާރު އަންނަނީ މަޑުމަޑުން ކުޅުން ރަނގަޅުވަމުންނެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ސިޓީ އަށް މިހާރު ފުރުސަތު ލިބުން ވެސް ގާތެވެ.
ޑި ބްރޭނާއަށް މި ފަހުން ދިމާވި އެންމެ ބޮޑު މައްސަލައަކީ ގާތްގާތުގައި އަނިޔާވުމެވެ. ހުސްވި ސީޒަނުގައި ވެސް އޭނާ އަށް ފަސް ދުވަސް ގެއްލުނެވެ. މި ސީޒަނުގައި ވެސް ގިނަ މެޗުތަކުގައި އަނިޔާގެ މައްސަލަތައް ކުރިމަތިވި އެވެ.
އޭނާ ކުލަބުން ވަކިވާކަން އިއުލާނު ކުރަމުން މި މަހު ކުރީކޮޅު ޑި ބްރޭނާ ބުނީ އޭނާ ގަޔާނުވިޔަސް ކުލަބުގެ ނިންމުން އޭނާ ބަލައިގަންނަ ކަމަށެވެ. އަދި ކޯޗު ޕެޕް ގާޑިއޯލާ ވެސް ބުނީ މި ނިންމުމުގެ ވާހަކަ ކުޅުންތެރިޔާ ގާތުގައި ބުނަން އުނދަގޫވި ކަމަށެވެ.