ޚަބަރު

މިދިޔަ ހަފުތާގައި ކޯސްޓްގާޑުން 71 މެޑިކަލް އިވެކުއޭޝަން


  • އެއްވަނަ ސްކޮޑްރަންއިން 48 މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފައިވޭ

މިދިޔަ ހަފުތާ އެމްއެންޑީއެފް ކޯސްޓް ގާޑުން ބަލިމީހުން އުފުލުމުގެ 71 މެޑިކަލް އިވެކުއޭޝަން ކުރިއަށްގެންގޮސްފައިވާ ކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި އެމްއެންޑީއެފުން ކުރި ޕޯސްޓެއްގައި ވަނީ ކޯސްޓްގާޑުން މިދިޔަ ހަފުތާގައި ކުރިއަށްގެންދިޔަ މެޑިކަލް އިވެކުއޭޝަންސް ނުވަތަ ބަލި މީހުން ކަނޑު މަގުން އުފުލި އަދަދުތަކުގެ ތަފާސްހިސާބު އާންމުކޮށްފައެވެ. ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުން ކުއްލި ފަރުވާއަށް ބޭނުންވި ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިއޮޕަރޭޝަންތަކުގެ ތަފްސީލަށް ބަލާއިރު އެމްއެޑީއެފްގެ ކޯސްޓްގާޑް ސްކޮޑްރަން ތަކާއި ސީއެމްބިއުލާންސް ހިމެނޭހެން ޖުމްލަ 71 މެޑިކަލް އިވެކުއޭޝަންގެ ކާމިޔާބު އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ކޯސްޓްގާޑް ސްކޮޑްރަންތަކުގެ ތަފާސްހިސާބު

އެއްވަނަ ސްކޮޑްރަން : 48 އޮޕަރޭޝަން
ދެވަނަ ސްކޮޑްރަން : 3 އޮޕަރޭޝަން
ތިންވަނަ ސްކޮޑްރަންއިން: 13 އޮޕަރޭޝަން
ހަތަރުވަނަ ސްކޮޑްރަން : 6 އިވެކުއޭޝަން ވަނީ ފުރިހަމަކޮށްފައެވެ.

ކޯސްޓްގާޑުގެ އުޅަނދުފަހަރުގެ އިތުރުން، ސީ އެމްބިއުލަންސްގެ ޚިދުމަތްވެސް މި މުއްދަތުގެ ތެރޭގައި ބޭނުންކޮށްފައިވެއެވެ. އެގޮތުން ސީ އެމްބިއުލަންސް E9 54 އިން ވަނީ މިދިޔަ ހަފުތާގައި 1 މެޑިކަލް އިވެކުއޭޝަން ކުރިއަށްގެންގޮސްފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިމާވާ ކުއްލި ހާލަތްތަކުގައާއި، އެއް ރަށުން އަނެއް ރަށަށް ބަލިމީހުން އުފުލުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޚާއްޞަކޮށް މޫސުން ގޯސްވާ ދުވަސްވަރު ކަނޑުމަތީގެ ހާދިސާތައް އިތުރުވާތީ، ކޯސްޓްގާޑުން ދަނީ 24 ގަޑިއިރު ތައްޔާރީ ހާލަތުގައިއޮވެ، ކަނޑުމަތީގައި ދިމާވާ އެކިއެކި ހާދިސާތަކުގައި ރައްޔިތުންނާ މުދާ ސަލާމަތްކުރުމުގައި އެހީތެރިވުމުގެ އިތުރުން އުޅަނދުފަހަރަށް ދިމާވާ ފަންނީ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިފަދަ ކޮންމެ ހާދިސާއެއްގައިވެސް ކޯސްޓްގާޑުގެ ސިފައިން ދައްކުވައިދެނީ ނަމޫނާ ހިތްވަރަކާއި ޤައުމީ ޚިދުމަތުގެ މަތިވެރި ރޫހެކެވެ.

ޞިއްޙީ އަވަސް ފަރުވާ ބޭނުންވާ ބަލިމީހުން އެއް ރަށުން އަނެއް ރަށަށް އުފުލުމުގައި ކޯސްޓްގާޑުން އަދާކުރާ ދައުރަކީ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ތަސައްލީއެކެވެ. ރާއްޖޭގެ ޖަޒީރާވަންތަ ގޮތުގެ ސަބަބުން ދަތުރުފަތުރުގެ ދަތިތައް ހުންނަ ހާލަތްތަކުގައި، ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކުރިއަށްގެންދާ މިފަދަ އިވެކުއޭޝަންތަކަކީ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.