ޚަބަރު

ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރިކުރަން ޖެހޭ: ރައީސް


  • މާދަމާ ދިވެހި ޤައުމު ހިންގުމުގައި މުހިއްމު ދައުރެއް އަދާކުރަން ތިބި ބަޔަކީ މިއަދުގެ ކުޑަކުދިންކަމަށް ރައީސް ވިދާޅުވި

  • ދުނިޔެއަށް މިހާރު އަންނަމުންދާ ބަދަލުތަކަށް ދަރިން ހޭލުންތެރިކުރަންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވި

ދުނިޔެއަށް އަންނަމުންދާ ހަލުވި ކުރިއެރުމާއި ބޮޑެތި ބަދަލުތަކަށް ދަރީން ހޭލުންތެރިކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައި ވަނީ ކުޑަކުދިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ކުދިންނާއި ކުދިންގެ ޢާއިލާތަކަށް އަރިސްކުރައްވާފައެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މާދަމާ ދިވެހި ޤައުމު ހިންގުމުގައި މުހިއްމު ދައުރެއް އަދާކުރަން ތިބި ބަޔަކީ މިއަދުގެ ކުޑަކުދިންކަމަށެވެ. އެހެންކަމުން އެކުދިންނަށް އަމާން ދަތުރެއް މާދަމާ ކުރެވޭނީ، އެކުދިންނަށް ޤާބިލްކަމާއި ހިތްވަރު ލިބޭނީ މިއަދު އެކަމަށް މަސައްކަތް ކޮށްދީގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދުނިޔެއަށް މިހާރު އަންނަމުންދާ ބަދަލުތަކަށް ދަރިން ހޭލުންތެރިކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.


ކުޑަކުދިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 10 ދުވަހެވެ. މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "އުފާވެރި ގުޅުން، އުފާވެރި ވަގުތު، އުފާވެރި ކުދިން" މިޝިޢާރެވެ.

މި ޝިޢާރުން ރަމްޒުކޮށްދޭ މުހިންމު މެސެޖުތަކަށް ބަލާއިރު މައިންބަފައިން ކުދިންނާއެކު ހޭދަކުރާ އަގުހުރި ވަގުތުތަކުގެ ތެރެއިން ކުދިންނަށް ލިބޭ ލޯތްބާއި އަޅައިލުމާއި ސަމާލުކަން ކުދިންގެ ޝަޚުސިއްޔަތު ބިނާވުމުގައި އަދާކުރާ ދައުރު ހިމެނެއެވެ. އަދި މައިންބަފައިންނާ ދަރިންގެ މެދުގައި އޮންނަ ހަރުދަނާ ލޮބުވެތި ގުޅުމުގެ ސަބަބުން ކުދިންނަށް ލިބޭ އަޅައިލުމާއި، އެހީތެރިކަމާއި ހިތްވަރުން ކުދިންގެ އިޖުތިމާޢީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތައްވެސް ހިމެނެއެވެ.

ކުޑަކުދިންނަށް އަމާން ރައްކާތެރި ވެއްޓެއް ބިނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.