މައްކާ ރޫޓް އިނީޝިއޭޓިވްގައި، 1446 ވަނަ އަހަރު ރާއްޖެ ހިމަނަން ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމަވައިފިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ފުރިހަަމަކުރެވޭނެކަމަށެވެ. މިކަމުގެ ސަބަބުން ޖިއްދާގެ އެއަރޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިއުމަށް ފަސޭހަވެގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ސަޢޫދީ ޢަރަބިއްޔާއިން މި ފުރުޞަތު މިހާތަނަށް ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ، ޕާކިސްތާނު ފަދަ ޙައްޖުވެރިން އެންމެ ގިނަ ޤައުމުތަކަށެވެ. ވުމާއެކު، ރާއްޖެއަށް މި ފުރުޞަތު ލިބިގެން ދިޔުމަކީ ސަޢޫދީ ޢަރަބިއްޔާއިން ރާއްޖޭގެ ރައްޔިތުންނާ މެދު ދެކޭ އަޚުވަންތަ ގާތްކަން ރަމްޒުކޮށްދޭ ކަމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި ފުރުޞަތު ދިވެހިންނަށް ފަހިކޮށްދެއްވިކަމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ޢިއްޒަތްތެރި ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އާލްސައޫދަށާއި ވަލީ އަޙުދު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރު ޑރ. ތައުފީޤު ރަބީޢާއާއި އިންޓީރިއާ މިނިސްޓަރ ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޢަބްދުލްއަަޒީޒް ބިން ސުޢޫދު އާލްސަޢޫދަށްވެސް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަދި މިކަން ފުރިހަމަކުރުމަށްޓަކައި އެ ވުޒާރާއިން ކުރަމުން ގެންދާ މަސައްކަތްތަކުގައި އެހީތެރިކަން ދެއްވަމުން ގެންދަވާކަމަށްޓަކައި ރާއްޖޭގައި ހުންނަ ސަޢޫދީ އަރަބިއްޔާގެ އެމްބަސީއަށާއި ސަޢޫދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއަށްވެސް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖޭގެ ޙައްޖާއި ޢުމްރާގެ ނިޒާމް ހަރުދަނާކޮށް ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދުމަށްޓަކައި ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުނެވެ. މި މަސައްކަތުގެ ދަށުން މައްކާ ރޫޓްގައި ރާއްޖެ ހިމަނައި ދިނުމަށް އިސްލާމީ ވުޒާރާއިން ރަސްމީކޮށް އެދިފައިވަނީ މީގެ ދެ މަަސްކުރިނެވެ. އެއީ މިކަމާގުޅޭ ގޮތުން ސަޢޫދީ އަރަބިއްޔާގެ ޙައްޖު މިނިސްޓްރީއާ އެކު ކުރެވުނު ގިނަ މަޝްވަރާތަކަށް ފަހުގައެވެ.
1. ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެގޮތް މެގުފަހިވެ، ޙައްޖުވެރިންގެ ސިއްޙީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން.
2. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި، ޙައްޖުވެރިން ފުރުމަށްދާ ޓަރމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ޙައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓަރ ކުރެވި، ބޯޑިންގ ޕާސް ވަގުތުން ލިބޭނެގޮތް މެގުފަހިވުން.
3. ޓަރމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން ނިންމާ، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓަރމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ޤާއިމުވުން.
4. ސަޢޫދީ ޢަރަބިއްޔާ އެއަރޕޯޓުގައި ޙައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާރމިނަލްއަށް އައުމާއެކު، ޙައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހުން.
5. އަރައިވަލް ޓަރމިނަލްގައި ޙައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ޙައްޖުވެރިން ތިބޭ ހޮޓަލަށް ސީދާ ލިބިގެންދިއުން.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސަޢުދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވް އެކެވެ. މި މަޝްރޫޢުގެ މަޤުޞަދަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަކޮށް ދިނުމެވެ.