ޚަބަރު

ކުޑަކުދިންގެ ދުވަސް ޤައުމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކޮށްފި


  • މާލެ ސަރަހައްދުގެ 6 ތަނެއްގައި ކުޑަކުދިންގެ ހަވީރު ބާއްވާފައިވޭ

  • ހަަކާތްތައް ބޭއްވުމުން ބޮޑު ހިތްހަމަޖެހުމެއް ލިބުނުކަން ކުޑަކުދިން ފާހަގަކުރި

މި އަހަރުގެ ކުޑަކުދިންގެ ދުވަސް ޤައުމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ތައުލީމީ ވުޒާރާއިން އިސްނަގައިގެން ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދެވި ހަރަކާތްތަކުގެ ތެރެއިން، މާލެ ސަރަހައްދުގެ 6 ތަނެއްގައި ކުޑަކުދިންގެ ހަވީރު ވަނީ ބާއްވާފައިވެއެވެ. އެ 6 ތަނަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޮންނަ ހިޔާ ޕާކާއި ހުޅުމާލޭ ސެންޓްރަލް ޕާކާއި ރަސްފަންނާއި ޖުމްހޫރީ މައިދާނާއި ހެންވޭރު ދަނޑުގެ އިތުރުން ވިލިނގިލީގައި ހުންނަ މުޙްޔިއްދީން ސްކޫލެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ދިޔަ ކުޑަކުދިންގެ ހަވީރަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވަނީ ޒިޔާރަތް ކުރައްވައި އެތަނުގައި ކުޑަކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ވަނީ ހޭދަކުރައްވާފައެވެ.

މި ހަވީރުތަކުގައި ކުޑަކުދިން ގަޔާވާ ފަދަ ތަފާތު ކުޅިވަރުތައް ކުޅެވޭނެ މަގު ފަހިކޮށްދީފައިވެއެވެ. އަދި މަޝްހޫރު ޓީވީ ކެރެކްޓަރސްއާއި މެސްކޮޓުތައް މި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފައިވެއެވެ. އަދި ބައެއް ކުދިން ވަނީ ސްޓޭޖް މަތިން އެކިއެކި ހުށަހެޅުންތައްވެސް ހުށައަޅައިދީފައެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.

މި ހަަކާތްތައް ބޭއްވުމުން އުފާވެރިކަމާއި ހިތްހަމަޖެހުން ލިބުނުކަން ގިނަ އަދަދެއްގެ ކުޑަކުދިން ފާހަގަކުރިއެވެ. އަދި މިފަދަ ދުވަހެއް ފާހަގަކުރާތީ މި ކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަކަން އެ ކުދިން ފާހަގަކުރިއެވެ.

ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް އިންތިޒާމުކުރުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންނެވެ. އަދި ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.