ޗައިނާއާ ދެކޮޅަށް އެމެރިކާއިން އިޢުލާނު ކޮށްފައިވާ ޓެރިފްތަކުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަން ޙައްލު ކުރުމަށް ދެ ޤައުމުގެ ދެމެދުގައި ސްވިޒަލެންޑުގެ ޖެނީވާގައި ކުރަމުންދާ މަޝްވަރާތައް ދެވަނަ ދުވަހަކަށް ކުރިއަށް ގެންގޮސްފިއެވެ.
ޗައިނާއިން އެމެރިކާއަށް އެތެެެރެ ކުރާ މުދަލުން 100 އިންސައްތައަށްވުރެ ބޮޑު ޓެރިފެއް ނެގުމަށް އެމެރިކާއިން ނިންމުމުން ޗައިނާއިން ވެސް ވަނީ ހަމަ އެ ފަދަ ޓެރިފެއް ޗައިނާއަށް އެމެރިކާއިން އެތެރެކުރާ މުދަލުން ނެގުމަށް ނިންމައިފައެވެ. ޓެެރިފްތައް ތަޢާރަފް ކުރި ފަހުން ފުރަތަމަ ފަހަރަށް ޗައިނާގެ ބޮޑުވަޒީރުގެ ނައިބު ހަ ލިފަންގއާއި އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެނެސްޓާއި އެމެރިކާގެ ވިޔަފާރިއާބެހޭ މަންދޫބު ޖެމީސަން ގްރިއަރ ބައްދަލުވެފައި ވަނީ ޖެނީވާގައި ކުރިއަށްދާ މަޝްވަރާތަކުންނެވެ. މެއި މަހުގެ 10ވަނަ ދުވަހު ފެށި މަަޝްވަރާތައް އެ ދުވަހު އަށް ގަޑިއިރަށް ދެމިގެން ގޮސްފައިވެއެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ އިޤްތިޞާދީ މުޝީރު ކެވިން ހެސެޓް ވިދާޅުވީ މަޝްވަރާތަކުގައި ބައިވެރިވުމަށް ޗައިނާއިން ވަރަށް ބޮޑަށް ޝައުޤުވެރިވާ ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އަލުން ހަރުދަނާ ކުރުމަށް އެ ޤަައުމުން ބޭނުންވާ ކަމަށެވެ. ހެސެޓް އިތުރަށް ވިދާޅުވީ މި ހަފްތާގެ ތެރޭގައި އެމެރިކާއިން އިތުރު ޤައުމުތަކާއެކު ވެސް ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމު ކުރާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ވެސް ވަނީ ދެ ޤައުމުގެ ދެމެދުގައި ކުރަމުންދާ މަޝްވަރާތައް ކުރިއަށް ދަނީ ރަނގަޅަށް ކަމަށް ވިދާޅުވެފައެވެ. ބައްދަލުވުމުގައި ގިނަ ކަންތައްތަކެއް މަޝްވަރާ ކޮށްފައިވާ ކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ ދެ ޤައުމުން ‘އާ ފެށުމަކުން ފަށަން’ އެއްބަސްވެ ބިނާ ކުރަނިވި ގޮތަކަށް އެ ކަން ޙާޞިލް ކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.