ޚަބަރު

މާލީ ބާޒާރަށް ހަމަޖެހުން، ބޮޑުކުރި ޑިޔުޓީގެ ބޮޑުބައި ކަނޑައިލަން އެމެރިކާ އާއި ޗައިނާ އެއްބަސްވެއްޖެ


އެމެރިކާ އާއި ޗައިނާއިން ފަށާފައިވާ ވިޔަފާރީގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދު ވަރަށް ބޮޑަށް ހީނަރުވާނެކަމުގެ ބިރު ހީވެފައިވަނިކޮށް، އެ ދެ ޤައުމުން އިންތިހާއަށް ބޮޑުކޮށްފައި ޑިޔުޓީގެ ބޮޑު ބައި ވަގުތީ ގޮތުން ކަނޑައިލަން އެއްބަސްވެފައިވާ ކަން އިޢުލާނުކޮށްފިއެވެ.

ޗައިނާއިން އެމެރިކާއަށް އެތެެެރެ ކުރާ މުދަލުން 145 އިންސައްތައިގެ ޓެރިފެއް ނެގުމަށް އެމެރިކާއިން ނިންމުމުން ޗައިނާއިން ވެސް ވަނީ އެމެރިކާއިން އެތެރެކުރާ މުދަލުން 125 އިންސައްތައިގެ ޑިޔުޓީ ނެގުމަށް ނިންމައިފައެވެ.

ޓެެރިފްތައް ތަޢާރަފް ކުރި ފަހުން ފުރަތަމަ ފަހަރަށް ޗައިނާގެ ބޮޑުވަޒީރުގެ ނައިބު ހަ ލިފެންގ އާއި އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓާއި އެމެރިކާގެ ވިޔަފާރިއާބެހޭ މަންދޫބު ޖެމީސަން ގްރިއަރ ބައްދަލުވެފައި ވަނީ ޖެނީވާގައި ކުރިއަށްދާ މަޝްވަރާތަކުންނެވެ.

އެ މަޝްވަރާތަކުގެ ތެރެއިން މިހާރު އެއްބަސްވެފައިވަނީ، ޗައިނާއިން އެމެރިކާއަށް އެތެެެރެ ކުރާ މުދަލުން 145 އިންސައްތައިގެ ޓެރިފް 30 އިންސައްތައަށް ކުޑަކުރުމަށެވެ. އޭގެ ބަދަލުގައި ޗައިނާއިން ވަނީ އެމެރިކާއިން އެތެރެކުރާ މުދަލުން ނަގަން ނިންމި 125 އިންސައްތަ، 10 އިންސައްތައަށް ކުޑަކުރަން އެއްބަސްވެފައެވެ.

އަދި ދާއިމީ އެއްބަސްވުމަކަށް އާދެވެންދެން، މި ބަދަލު ކުރިއަށް އޮތް 90 ދުވަހަށް ދެމި އޮންނާނެ ކަމަށް ދެ ޤައުމުން ވެސް ބުންޏެވެ.

މަޝްވަރާތަކަށްފަހު އެމެރިކާގެ މާލީ ވަޒީރު ވިދާޅުވީ، މި މަޝްވަރާތަކުގައި ދެ ޤައުމުން ވެސް ދެ ޤައުމުގެ ޤައުމީ މަސްލަޙަތު ރަނގަޅަށް ހިމާޔަތް ކުރެވިފައިވާ ކަމަށެވެ.

އަދި ދެ ޤައުމުން ވެސް ބޭނުންވަނީ ހަމަހަމަ ގޮތެއްގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި ކުރެވޭނެ މަގެއް ހޯދުން ކަމަށާއި، އެ ނަތީޖާ ޙާޞިލް ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މި އެއްބަސްވުން އިޢުލާނުކުރުމާ އެކު، އެމެރިކާ ޑޮލަރުގެ އަގު ދުނިޔޭގެ މާލީ ބާޒާރުގައި މިހާރު ވެސް ވަނީ އުފުލެން ފަށައިފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުގެ ދެމެދުގައި އުފެދުނު މި ކޯޅުމުގެ ސަބަބުން މުޅި ދުނިޔޭގެ ވިޔަފާރިއަށް ބުރޫއަރައި، ގާތްގަނޑަކަށް 600 ބިލިއަން އެމެރިކާ ޑޮލަރުގެ މުދާ ޒާތަކަށް ތާށިވެފައިވާ ކަމަށް މާލީ މާހިރުން ވަނީ ލަފާކޮށްފައެވެ.