މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ދޭން ފަށައިފިއެވެ.
ކުޑަފަރީގައި އޭޓީއެމް ޚިދުމަތް ފައްޓަވައި ދެއްވީ، އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދެވެ.
މި ރަސްމީއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ
ކުޑަފަރީ އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން އިޤްތިޞާދީ ވަޒީރު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ޚިދުމަތް ފެށުމުގެގޮތުން ބޭނުންކުރެވި ރަމްޒީ ކާޑު ކައުންސިލާއި ވަނީ ޙަވާލުކޮށްދެއްވާފައެވެ.
ކުޑަފަރީ އޭޓީއެމް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ އަދުގެ ސަރުކާރުން ހަވާލުވިއިރު އޭޓީއެމް ޚިދުމަތް ނުލިބޭ ވަރަށް ގިނަ ރަށްތައް ހުރި ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޞައްވުރަކީ ހުރިހާ ރައްޔިތުންވެސް މާލީ ގޮތުން ބައިވެރިވުން އިހުސާސް ކޮށްދިނުން ކަމަށެވެ. އަދި އެމަނިކުފާނު ފިޔަވައި މިކަން ވަޢުދެއްގެ ގޮތުގައި ވެވަޑައިގެން ބޮޑު މަޝްރޫއެއް ގޮތުގައި ކުރިއަށް ގެންދެވި ވެރިއެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.
މިރަސްމީއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފްް ވިދާޅުވީ ބީއެމްއެލްއިން ކުރަމުންދާ މާލީ މުޢާމަލާތްތަކުގެ ތެރެއިން 90 އިންސައްތަ މުޢަމަލާތްތަކީ ޑިޖިޓަލް މުޢާމަލާތްތައް ކަމަށެވެ. އަދި ހުރިހާ ރައްޔިތުންވެސް މާލީ ނިޒާމުގައި ބައިވެރިކުރުމަކީ އެ ބޭންކުގެ ޒިންމާއެއް ކަމަށް ސީއީއޯ ވިދާޅުވިއެވެ.
ކުޑަފަރީފަރީގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމަޢު ކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ.
މިލަދުއްމަޑުލުގެ ދެކުނު ބުރީގެ ރަށްތަކުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ބުރުގައި ކުޑަފަރި ހިމެނޭހެން 7 ރަށެއްގައި އޭޓީއެމް ޚިދުމަތް ފަށާއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅު އަދި ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ. ބޭންކު އޮފް މޯލްޑިވްސް އިން ވަނީ މިއަހަރު ނިމޭއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 250 އަށް ވުރެ ގިނަ އޭޓިއެމްއިން ޚިދުމަތް ދޭމުންދާނެ ކަމަށް ވިދާޅުވެފައެވެ.