މިލަދުންމަޑުލު ދެކުނުބުރީ ލަންދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ދޭން ފަށައިފިއެވެ.
ލަންދޫގައި އޭޓީއެމް ޚިދުމަތް ފައްޓަވައި ދެއްވީ، އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދެވެ.
މި ރަސްމީއްޔާތުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ
ލަންދޫ އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން އިޤްތިޞާދީ ވަޒީރު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ޚިދުމަތް ފެށުމުގެގޮތުން ބޭނުންކުރެވި ރަމްޒީ ކާޑު ކައުންސިލާއި ވަނީ ޙަވާލުކޮށްދެއްވާފައެވެ.
އޭޓީއެމް ޚިދުމަތް ފެށުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު ސައީދު ވިދާޅުވިޅީ، މިހާތަނަށް އޭޓީއެމް ޚިދުމަތް ފެށިފައިވާ ރަށްތަކަށް ބަލާއިރު މި ޚިދުަމަތަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު ހާމަވާ ކަމަށެވެ. އަދި ރަށުގައި އޭޓީއެމް ޚިދުމަތް ފެށުމަކީ، ރައްޔިތުންނަށް ލިބޭ ފަސޭހައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، އެޓީއެމް ބެހެއްޓުމުގެ އިތުރުން އޭޓިއެމް ބެލެހެއްޓުމުގެ މަސައްކަތްވެސް ކުރާކަން ފާހަގަ ކުރައްވާފައެވެ. އަދި ބޭންކުގެ މުޢަމަލާތްތައް ކުރުމުގައި މަައްސަަލަ ދިމާވާ ފަހަރު ވަރަށް މަދު ކަމަށް ވިދާޅުވިއެވެ. ލަންދޫގައި ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާ ކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ.
މިލަދުއްމަޑުލުގެ ދެކުނު ބުރީގެ ރަށްތަކުގައި އޭޓީއެމް ޚިދުމަތް ފެށުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ބުރުގައި ލަންދޫ ހިމެނޭހެން 7 ރަށެއްގައި އޭޓީއެމް ޚިދުމަތް ފަށާފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅު އަދި ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ. ބޭއްކް އޮފް މޯލްޑިވްސް އިން ވަނީ މިއަހަރު ނިމޭއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 250 އަށް ވުރެ ގިނަ އޭޓިއެމްއިން ޚިދުމަތް ދޭމުންދާނެ ކަމަށް ވިދާޅުވެފައެވެ.