ޚަބަރު

ޤުރުއާން ޤަބޫލުކުރިއަސް ސުންނަތް ޤަބޫލުނުކުރާނަމަ، އެއްވެސް މީހެއްގެ ދީން ފުރިހަމައެއް ނުވާނެ: ޚުތުބާ


  • ދިރިއުޅުމުގެ ހުރިހައި ކަމެއްގައި ވެސް މުޙައްމަދުގެފާނީ ނަމޫނާއެއްކަމުގައި ބަލައިގަންނަން ޖެހޭ

  • ރަސޫލާގެ ސުންނަތަކީ އެކަލޭނގެފާނަށް ބާވައިލެއްވުނު ދީނުގެ ބައެއް

ކީރިތި ޤުރްއާން ޤަބޫލުކުރިއަސް ކީރިތި ރަސޫލާގެ ސުންނަތް ޤަބޫލުނުކުރާ ނަމަ، އެއްވެސް މީހެއްގެ ދީން ފުރިހަމަ ނުވާނެކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ، "އިސްލާމީ ޝަރީޢަތުގައި ސުންނަތުގެ މަޤާމު" މި މައުޟޫއެވެ.

ހުކުރު ޚުތުބާގައި ވިދާޅުވީ، ކީރިތި ރަސޫލާގެ ސުންނަތަކީ އެކަލޭނގެފާނަށް ބާވައިލެއްވުނު ދީނުގެ ބައެއްކަމަށެވެ. އަދި އެ ދީން ޤިޔާމަތާ ހަމައަށްވެސް ރައްކާތެރިކުރައްވާނެކަމަށް ކީރިތިﷲ ވަޢުދުވެވޮޑިގެންވާކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ވިދާޅުވީ، އެކަލޭގެފާނުގެ ސުންނަތް އަހަރެމެންނާ ހަމައަށް އައިސްފައިވަނީ، ޤުރްއާން ވެސް އަހަރެމެންނާ ހަމައަށް އައިސްފައިވާ ރޮނގުންކަމަށެވެ. އަދި ޤުރްއާނާ ސުންނަތް ރައްކާތެރިކުރެވިގެން މެނުވީ ދީން ރައްކާތެރިއެއް ނުކުރެވޭނެކަމަށެވެ.

ސުންނަތާ ނުލައި ދީނުގެ ޙުކުމްތައް ނޭނގޭނޭކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ވިދާޅުވީ، ޤުރްއާން ޤަބޫލުކުރިއަސް ރަސޫލާގެ ސުންނަތް ޤަބޫލުނުކުރާ ނަމަ، އެއްވެސް މީހެއްގެ ދީން ފުރިހަމައެއް ނުވާނެކަމަށެވެ.

"ކީރިތި ޤުރުއާނާއި ސުންނަތާއި ދެމެދުގައި ވާ ގުޅުމަކީ، ޝަހާދަތުގެ ދެކަލިމަ، އެއްކަލިމަ އަނެއް ކަލިމައާ ދެމެދުގައި ވާ ގުޅުމެވެ. އެ ދެކަލިމައިގެ ގުޅުން ވަކިނުކުރެވޭނޭ ފަދައިން ކީރިތި ޤުރުއާނާއި ސުންނަތާއި ވަތްކެއްނުކުރެވޭނެއެވެ" ޚުތުބާގައި ވިދާޅުވިއެވެ.

ސުންނަތް ދޫކޮށްލައި ހަމައެކަނި އަހަރެމެން ޤަބޫލުކުރާނީ ޤުރްއާނޭ ބުނާނޭ ބަޔަކު ފަހު ޒަމާނުގައި އަންނާނޭކަމުގެ ޚަބަރު ރަސޫލާ ވަނީ އުއްމަތަށް ދެއްވައިފައެވެ. އަދި މިފަދަ މީހުންނާ މެދު ރައްކާތެރިވެ ތިބުމަށް ވެސް އެކަލޭގެފާނުވަނީ އިރުޝާދުދެއްވައިފައެވެ.

ހުކުރު ޚުތުބާގައި ވިދާޅުވީ، ބައެއް މީހުން ދެކޭ ގޮތުގައި، މުސްލިމުން ޢަމަލުކުރާންޖެހޭ ހުރިހައި ކަމެއް، މާތްﷲ ވަނީ ޤުރްއާނުގައި ބަޔާންކުރައްވައިފައެވެ. އެހެންނަމަވެސް އިސްލާމީ ޝަރީޢަތުގެ ގިނަ ކަންތައްތައް ސުންނަތަށް ރުޖޫޢަވުމަކާ ނުލައި، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން ޢަމަލުކުރުމީ މުސްތަޙީލު ކަމެއްކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ވަނީ އޭގެ މިސާލަކަށްވެސް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ނަމާދަކީ ދީނުގެ އެންމެ މުހިންމު އެއް ރުކުންކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ވިދާޅުވި، ނަމާދު ފަރުޟު ކުރެއްވިކަން ކީރިތި ޤުރްއާނުން އެނގެން އޮތްނަމަވެސް، ނަމާދު އަދާކުރާންވީ ގޮތުގެ ތަފްސީލު އަހަރުމެންނާ ހަމައަށް އައިސްފައިވަނީ ކީރިތި ރަސޫލާގެ ސުންނަތުންކަމަށެވެ.

މީގެއިތުރުން ޚުތުބާގައި ވިދާޅުވީ، ދިރިއުޅުމުގެ ހުރިހައި ކަމެއްގައި ވެސް މުޙައްމަދުގެފާނީ ނަމޫނާއެއްކަމުގައި ބަލައިގަންނާން ޖެހޭކަމަށެވެ. އަދި އެކަލޭނގެފާނުގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވުމަކީ ކުރާ ހެޔޮ ޢަމަލުތައް ބާޠިލުވާނޭ ކަމެއްކަމަށް ޚުތުބާގައި ވަނީ ހަންދާންކޮށްދެއްވާފައެވެ.