ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ދިގު ވެރިކަމުގެ ތެރެއިން ވީނުވީއެއް ނޭނގި ގެއްލިފައިވާ އެތަކެއް ހާސް މީހުންނާއި އޭރު ހިންގި އެކި ޖަރީމާތަކަށް އިންސާފު ޤާއިމުކޮށްދީ، ބަދަލު ދިނުމަށް ޙާއްސަ ކޮމިޝަންތަކެއް އުފައްދާފައިވާ ކަމަށް ސޫރިޔާގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް(އެޗްޓީއެސް)ގެ ސަރުކާރުން ބުނެފިއެވެ.
އަސަދުގެ ވެރިކަމުގައި 14 އަހަރު ދާޚިލީ ހަނގުރާމައިގެ ތެރެއިން އާންމުންގެ އެތައް ހާސް ބަޔަކު މަރުވެ، އެއް ލައްކައަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އދ. އާއި އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ލަފާކުރެއެވެ.
އެޗްޓީއެސުން ބަޣާވާތެއް ހިންގައި، އަސަދު ވެރިކަމުން ދުރުކޮށްފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެޗްޓީއެސްގެ ހަނގުރާމަވެރިން ވެރިރަށް ދިމިޝްޤަށް އަރައިގަތުމާ އެކު އަސަދު ވަނީ ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވައި، މޮސްކޯއިން ޙިމާޔަތް ހޯއްދަވާފައެވެ.
ނަމަވެސް، އަސަދުގެ ވެރިކަމުގައި ހިންގި އެތަކެއް ޖަރީމާތަކާއި ޖަލުތަކުގައި އާންމުންގެ ގިނަ ބަޔަކަށް ކުރި އަނިޔާއަށް އިންސާފު ހޯދައިދޭން ދަނީ ގޮވާލަމުންނެވެ.
އެއާ އެކު، އަސަދުގެ ވެރިކަމުގައި ހިންގާފައިވާ ޖަރީމާތައް ތަހުޤީޤުކޮށް، ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަނެ، އިންސާފު ހޯދައިދިނުމަށް އިންތިޤާލީ އިންސާފުގެ ކޮމިޝަނެއް އެޗްޓީއެސްގެ ސަރުކާރުން އުފައްދާފައިވާކަމަށް، އެކަމުގެ ޤަރާރަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް، ދާޚިލީ ހަނގުރާމައިގެ ތެރެއިން އެހެން ފަރާތްތަކުން ހިންގާފައިވާ ޢަމަލުތައް އެ ކޮމިޝަނުން ބަލާނެކަމެއް ސާފުކޮށް ބަޔާންކޮށްފައިނުވާ ކަމަށް އެ ނޫހުން ބުންޏެވެ.
މީގެއިތުރުން، އަސަދުގެ ވެރިކަމުގެ ތެރެއިން ޖަރީމާތައް ހިންގި ކަމަށް ޤާނޫނީ ގޮތުން ސާބިތުވެފައިވާ ސަރުކާރުގެ އިސްވެރިންގެ މައްޗަށް ޝަރީއަތް ހިންގުން ވެސް އެ ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.
އިންތިޤާލީ އިންސާފަށް ޙާއްސަ ކޮމިޝަނެއްގެ އިތުރުން، ސޫރިޔާގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ޙާއްސަ ކޮމިޝަނެއް އުފައްދަވަން، އެޗްޓީއެސް ސަރުކާރުގެ ރައީސް އަޙްމަދު އަލް-ޝަރާޢާ ނިންމަވާފައިވާ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.