ދިވެހިރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިންނަށް މުޅިން އަލަށް ތަޢާރަފް ކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ޓެސްޓްކޮށްފިއެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަށް ސަޢޫދީ ސަރުކާރުން ނިންމެވީ މިމަހުގެ 10ވަނަ ދުވަހުއެވެ. އަދި މި ޚިދުމަތް ތަޢާރަފްކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް މިިދިޔަ ހުކުރު ދުވަހުވަނީ ރާއްޖެވަޑައިގެންފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން 15 ޙައްޖުވެރިއަކު ޖިއްދާގެ އިމިގްރޭޝަނުން ޓެސްޓްކޮށް ކާމިޔާބުކަމާއެކު މިނިޒާމް ތަޖްރިބާކޮށްފައިވާކަމަށެވެ.
އަދި މިޚިދުމަތް މިމަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާހްކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން، ދެ ޤައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ޤައުމުގެ އެއަރޕޯޓްގައި ތިބެ ފުރިހަމަކުރެވޭނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ޖިއްދާގެ އެއަރޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިއުމަށް ފަސޭހަވާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
1. ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެގޮތް މެގުފަހިވެ، ޙައްޖުވެރިންގެ ސިއްޙީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން.
2. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި، ޙައްޖުވެރިން ފުރުމަށްދާ ޓަރމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ޙައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓަރ ކުރެވި، ބޯޑިންގ ޕާސް ވަގުތުން ލިބޭނެގޮތް މެގުފަހިވުން.
3. ޓަރމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރުމުގެ ކުރިން ނިންމާ، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓަރމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ޤާއިމުވުން.
4. ސަޢޫދީ ޢަރަބިއްޔާ އެއަރޕޯޓުގައި ޙައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާރމިނަލްއަށް އައުމާއެކު، ޙައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހުން.
5. އަރައިވަލް ޓަރމިނަލްގައި ޙައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ޙައްޖުވެރިން ތިބޭ ހޮޓަލަށް ސީދާ ލިބިގެންދިއުން.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސަޢޫދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވްއެކެވެ. އަދި މިއީ ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެކެވެ.
މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށްދާ މީހުން ފުރަން ފަށާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އެ ފްލައިޓުގައި 235 ޙައްޖުވެރިން ސަޢުދީއަށް ދާނެއެވެ.
ޙައްޖުވެރިންގެ ދެވަނަ ފްލައިޓު މި މަހުގެ 27 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު 2 ވަނަ ފްލައިޓުގައި 257 ޙައްޖުވެރިން ދަތުރުކުރާނެއެވެ. އަދި ތިން ވަނަ ފްލައިޓު މި މަހުގެ 29 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު އެ ފްލައިޓުގައި 250 ޙައްޖުވެރިން ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިމަހުގެ 27 އަދި 29 ގައި ޙައްޖުވެރިން ދަތުރުކުރާނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގައެވެ. މިއީ އަހަރުތަކެއް ފަހުން ދިވެހިންގެ އަމިއްލަ ޤައުމީ އެއަރލައިނުގައި ޙައްޖަށް ދާ އަހަރެކެވެ.
ޙައްޖުވެރިންގެ ފަހު ފްލައިޓު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. އެ ފްލައިޓުގައި 250 ޙައްޖުވެރިން ސަޢުދީއަށް ދާނެއެވެ.