ދުނިޔޭގެ އެކި ބައްރުތަކުން އެތައް މިލިޔަން މުސްލިމުންނެއް ޙައްޖާއި ޢުމްރާގެ އަޅުކަމަށް އަންނަ މާތްވެގެންވާ މައްކާގެ ބިމަކީ އެވޭލާ ތާރީޚުގައި ހިލަފަރުބަދަތަކުން ވަށާލާފައިވާ ހަނަފަސް ތަނެކެވެ. އިބްރާހީމް ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނު، މާތްﷲގެ އަމުރުފުޅަށް ގެފުޅު ބިނާކުރެއްވިއިރު މައްކާގެ މިބިމަކީ އެއްވެސް ގަހެއް ހިޔަލެއް އަދި ދިރުމެއް ނުވާ ހަނަފަސް ބިމެކެވެ. އެހެންނަމަވެސް މިއަދު މައްކާގެ ބިމަކީ ދުނިޔޭގެ ކަންކޮޅުތަކުން މުސްލިމުން ދަތުރުކޮށްފައި އަންނަ މުޤައްދަސް ބިމެކެވެ.
މި މާތްބިމަކީ ޤުދުރަތީގޮތުން ތަފާތު ސިފަތަކެއް އެކުލެވިގެންވާ ބިމެކެވެ. ބޮޑެތި ހިލަ ފަރުބަދަތަކުން މައްކާވަނީ ފުރާލާފައެވެ. މިސަބަބާހުރެ ހިޔާދޭ ބިޔަ ގަސްތައް މައްކާގެ ބިމުގައި ވަރަށް މަދެވެ. ހިސާބަކަށް ކަދުރު ރުއްތައް ހެދިފައި ހުރިނަމަވެސް މައްކާގެ ހަރަމްފުޅު ހިމެނޭ ސަރަހައްދަކީ ގަސް މަދު ސަރަހައްދެކެވެ. މައްކާ ސަރަހައްދަކީ އަހަރުގެ ތެރޭގައި ވަރަށް މަދުން ވާރޭ ވެހޭ ސަރަހައްދެކެވެ. މައްކާއަށް އާންމުކޮށް ވާރޭ ވެހެނީ ފިނި މޫސުމުގައެވެ. އެއީ ނޮވެމްބަރު މަހާއި ޖެނުއަރީ މަހާ ދެމެދުގައެވެ. ނަމަވެސް ފިނި މޫސުމުގައިވެސް މައްކާއަށް ވާރޭ ވެހޭ މިންވަރު މަދެވެ.
ރެކޯޑުކުރެވިފައިވާގޮތުން މައްކާއަށް ވާރޭ ވެހެނީ އަހަރެއްގެ ތެރޭގައި 110 މިލިމީޓަރަށްވުރެ މަދުންނެވެ. ސައުދީ އަރަބިއްޔާގެ މޫސުން ދައުރުވަމުންދާ ގޮތުން އާންމުކޮށް ޙައްޖު މޫސުމް ދިމާވަނީ އަހަރުގެ އެންމެ ހޫނު ދުވަސްވަރާއެވެ.
ހިލަފަރުބަދަތަކުން ވަށާލާފައިވާ މައްކާގެ ބިމަށް ހޫނުމޫސުމުގެ އިހުސާސްކުރެވޭ ހޫނުމިން އުފުލިގެންދަނީ ހައްޖާޖީންނަށް ތަހައްމަލުކުރެވޭ މިންވަރަށްވުރެވެސް މައްޗަށެވެ. ފާއިތުވި 1445ވަނަ އަހަރުގެ ޙައްޖު މޫސުމުގައި މައްކާގެ ހޫނުމިންވަނީ 51 ޑިގްރީ ސެލްސިލްއަސް އުފުލިފައެވެ. އެ އަހަރު ހޫނުގެ ސަބަބުން އެތައް ހައްޖާޖީންނެއް ވަނީ ނިޔާވެފައެވެ.
1446ވަނަ އަހަރުގެ ޙައްޖު މަސް ދިމާވަނީ ކުރިއަށް އޮތް 16 އަހަރުގެ ތެރޭގައި މައްކާގެ ހޫނު މޫސުން އަންނަ ފަހު ޙައްޖު މަހާކަމަށް ސައުދީ އަރަބިއްޔާގެ މޫސުމާބެހޭ އިދާރާ، ނޭޝަނަލް ސެންޓަރ ފޯރ މިޓިރިއޮލެޖީ (އެން.ސީ.އެމް) އިން ވަނީ ހާމަކޮށްފައެވެ. މި އަހަރުގެ ޙައްޖަކީ އަންނަން އޮތް 16 އަހަރުގެ ތެރޭގައި ހޫނުމޫސުމުގައި ޙައްޖުގެ އަޅުކަން އަދާކުރާނެ ފަހު ހޫނު މޫސުމެވެ. ދެން އޮތީ ފިނި މޫސުމުގެ ޙައްޖުގެ އަޅުކަމެވެ.
2026ވަނަ އަހަރުން ފެށިގެން 2033ވަނަ އަހަރާ ދެމެދުގައި ޙައްޖުގެ އަޅުކަން އަދާކުރަން ޖެހޭނީ ބަހާރު މޫސުމް (ސްޕްރިންގް) ގައެވެ. އެއަށްފަހު 2034ވަނަ އަހަރުން ފެށިގެން 2042ވަނަ އަހަރާ ހަމަޔަށް ޙައްޖުގެ އަޅުކަން އަދާކުރަންޖެހޭނީ ފިނިމޫސުމުގައެވެ.
ކުރިއަށް އޮތް 16 އަހަރަށް ބަލާއިރު ފަހު ހޫނުމޫސުމަށް ހައްޖާޖީން ތައްޔާރުވުމަށް ސައުދީ އަރަބިއްޔާގެ ޙައްޖާއި ޢުމްރާއާއިބެހޭ ވުޒާރާއިން އިލްތިމާސްކުރެއެވެ. އިރުގެ ހޫނުގެ ސަބަބުން ގައިގެ ހަމަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އަންގާފައެވެ. އެގޮތުން ދުވާލު ވަގުތުގައި ބޭރަށް ނުކުންނައިރު ކުޑަނެގުމަށާއި، މެންދުރުގެ އެންމެ ހޫނު ގަޑީގައި ބޭރަށް ނުކުމެ ނޫޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ގިނަގިނައިން ފެން ބުއިމަށާއި މޭވާޔާ ތަރުކާރީ ކެއުން ގިނަކުރުމަށް ސައުދީ ސަރުކާރުން އަންނަނީ އަންގާ އިއުލާންކުރަމުންނެވެ. ޙަރަމްފުޅު ހިމެނޭ ސަރަހައްދާއި ޙަރަމްފުޅު ތެރޭގައިވެސް ޙާޖީންނަށް ފިނިކޮށްދިނުމަށް ސަޢުދީ ސަރުކާރުން އަންނަނީ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކުރަމުންނެވެ. އަދި ޢަރަފާތު ދުވަހުގެ ޚުޠުބާ ދޭ ވަގުތަކީ މަގުތަކުގައި ބާރުބޮޑުވާ ވަގުތަކަށްވާތީ ޢަރަފާތުބިމަށާއި ނަމިރާ މިސްކިތް ސަރަހައްދަށް އަދި މަގުތަކަށް ފެންޖެހުމަށްޓަކާވެސް ހެލިކޮޕްޓަރާ އެހެނިހެން ވަސީލަތްތައްވެސް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންމެއަކަސް ކުރިއަށް އޮތް 16 އަހަރުގެ ތެރޭގައި މައްކާގެ ހޫނު މޫސުމުގައި މުސްލިމުން އަދާކުރާ ފަހު ޙައްޖުގެ އަޅުކަމަށް ޙާޖީން ތައްޔާރުވެ ތިބުން މުހިންމެވެ.