ކުޅިވަރު

އަގު ބޮޑުކަމުން ވާޓްޒް ގަތުމުގެ ރޭހުން ސިޓީ ވަކިވަނީ


ފްލޯރިއަން ވާޓްޒް ގަތުމަށް ކުރަންޖެހޭ ހޭދަ ބޮޑުކަމުން އެ ރޭހުން ވަކިވާން އިނގިރޭސިވިލާތުގެ މުއްސަނދި ކުލަބު މެންޗެސްޓާ ސިޓީން ނިންމައިފި އެވެ.

އިނގިރޭސި މީޑިޔާތަކުން ބުނަނީ ވާޓްސް ވިއްކަން އޭނާގެ ކުލަބު ޖަރުމަނުގެ ބަޔާ ލެވަކޫސެން ކިޔާ އަގު 130 މިލިއަން ޔޫރޯއާ ގާތް ކުރާ ކަމަށެވެ. އަދި ޓްރާންސްފާ ފީ އަށް މި އަދަދު ދިނުމަށްފަހު ކުޅުންތެރިޔާ ގެނެސްފިނަމަ އޭނާގެ މުސާރަ އާއި އެޖެންޓް ފީ އާއި އެނޫން ކަމަށް ޖުމުލަ އެކު 300 މިލިއަން ޔޫރޯއާ ގާތްކުރާ އަދަދެއް ހޭދަވާނެ ކަމަށެވެ. ނަމަވެސް އެންމެ ކުޅުންތެރިއަކަށް މިވަރުގެ އަދަދެއް ހަރަދު ކުރުމަކީ ސިޓީން ބޭނުންވާ ގޮތެއްނޫން ކަމަށެވެ.

އަބޫދާބީގެ މަހުޖަނުން ހިންގާ ސިޓީ އަކީ ފާއިތުވެދިޔަ 10 އަހަރު ބޮޑު ހޭދަތަކެއް ކުރި ޓީމެކެވެ. އަދި މި މުއްދަތުގައި އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ޓީމު ވެސްމެ އެވެ. ނަމަވެސް ކޯޗު ޕެޕް ގާޑިއޯލާ ވަނީ ފާއިތުވެދިޔަ ދެތިން ޓްރާންސްފާ މާކެޓެއްގައި އަގުބޮޑުކޮށް ބައެއް ކުޅުންތެރިން ގެނައުން ދޫކޮށްލައިފަ އެވެ.

މި ގޮތުން ޓޮޓެންހަމުގެ ހެރީކޭން 100 ނުގަނެ ދޫކޮށްލީ ނޯވޭގެ ފޯވަޑް އާލިން ހާލަންޑް 50 މިލިއަން ޕައުންޑަށް ގަންނަން ވެގެންނެވެ. ކޭން ފަހުން ޖަރުމަނުގެ ބަޔާން މިއުނިކަށް ސޮއިކުރީ 110 މިލިއަން ޔޫރޯ އަށެވެ. މީގެ އިތުރުން ބާސެލޯނާގެ ފްރޭންކީ ޑިޔޮންގް ގަތުން ސިޓީން މަޑުޖައްސާލީ ވެސް އަގު މާމަތިވުމުންނެވެ. އަދި ޗެލްސީ އަށް ސޮއިކުރި ހާލިދޫ ކުލިބާލޭ އާއި މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރި ހެރީ މެގުއާ ގެނައުން ސިޓީން ދޫކޮށްލީ ވެސް އެއަށްވުރެ އަގުހެޔޮކޮށް 2020ގައި ރުބެން ޑިއާސް ގަންނަން ވެގެންނެވެ.

ވާޓްސްގެ ސޮއި ހޯދަން މިވަގުތު އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޖަރުމަނުގެ ބަޔާން މިއުނިކާއި އިނގިރޭސިވިލާތުގެ ލިވަޕޫލެވެ. މީގެ އިތުރުން ސްޕޭނުގެ ރެއާލް މެޑްރިޑް ވެސް އޭނާ އަށް ޝައުގުވެރިވެ އެވެ. އެކަމަކު ރެއާލް އަށް މިކަން ކުރެވެން އޮތީ އެކުލަބުގެ ކުރިއަށް ކުޅެންތިބި ބައެއް ކުޅުންތެރިން ވިއްކާލެވިގެންނެވެ. ހާއްސަކޮށް ބްރެޒިލްގެ ފޯވަޑް ރޮޑްރީގޯ އެވެ.

ވާޓްޒް އަކީ މިވަގުތު ޔޫރަޕުގައި ހުރި އެންމެ މޮޅު އެޓޭކިން މިޑްފީލްޑަރެވެ. އޭނާގެ ސޮއި ހޯދަން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން މަސައްކަތް ފެށުމުން ލެވަކޫސެންއިން ވިއްކާ އަގު ބޮޑުކުރީ ވެސް މިދަނޑިވަޅުގެ ފައިދާ ނެގުމަށެވެ. ވާޓްސް ވަނީ ނިމިގެންދާ ސީޒަނުގައި 41 މެޗުން 15 ގޯލު ޖަހައި 16 ގޯލު ޖަހަން މަގު ފަހިކޮށްދީފަ އެވެ.