ޚަބަރު

ފަހަތުން އަރާ ބްރައިޓަން އިން ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލް އާއި ދެކޮޅަށް ބްރައިޓަން ރޭ ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިވެއްޖެ އެވެ.

ކުރިއަށް އޮތް ސީޒަނުގައި ޔޫރަޕްގެ ފުޓްބޯޅަ މުބާރާތަކުން ފުރުސަތު ހޯދުމަށް މަސައްކަތް ކުރަމުންދާ ބްރައިޓަން އަށް ވަނީ މި މެޗުން މޮޅުވުމާއިއެކު 58 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނަ މަގާމް ލިބިފަ އެވެ.

މި މެޗުން ލިވަޕޫލް ބަލިވެފައިވާއިރު ލީގުގައި ބާކީ ހަތަރު މެޗު އޮއްވާ ޗެމްޕިއަންކަން ކަށަވަރުވެފައިވާ ލިވަޕޫލް އަށް މިހާތަނަށް އޭގެ ފަހުން މެޗަކުން މޮޅުވެފައެއް ނުވެއެވެ. ޗެމްޕިއަންކަން ލިބުނު ފަހުން އެ ޓީމަށް ހޯދިފައިވަނީ އެންމެ ދެ ޕޮއިންޓެވެ. އަދި މިއީ ޕްރިމިއާ ލީގުގެ ތާރީޚުގައިވެސް ޗެމްޕިއަންކަން ލިބުނު ފަހުން އެ ޓީމެއް ކުޅުނު ތިން މެޗުން މޮޅުނުވެ ދިޔަ ފުރަތަމަ ފަހަރެވެ.

ބްރައިޓަންގެ އެމެރިކަން އެކްސްޕްރެސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 9 ވަނަ މިނިޓުގައި ހާވޭ އެިއޮޓް ވަނީ ލަނޑެއް ޖަހާ ލިވަޕޫލް އަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް މެޗުގެ 32 ވަނަ މިނިޓުގައި ޔަސީން އަޔާރީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގައި ދެވަނަ ފަހަރަށް ލިވަޕޫލް އިން ލީޑު ނަގާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެލިއޮޓްގެ އެސިސްޓަކުން ޑޮމިނިކް ސޮބޮޒްލާއީ އެވެ.

ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 24 ވަނަ މިނިޓުގައި ބްރައިޓަންގެ ކައޮރޫ މިޓޯމާ ވަނީ ލަނޑެއް ޖަހާ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުން ބްރައިޓަން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޖެކް ހިންޝެލްވުޑް އެވެ.

ޕްރިމިއާ ލީގުގެ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ބްރައިޓަން އިން ކުޅޭ މެޗުން އެ ޓީމު މޮޅުވެ ތާވަލުގެ އަށްވަނަ މަގާމް ކަށަވަރުކޮށްފިނަމަ އެ ޓީމަށް އަންނަ ސީޒަނުގައި ޔޫއެފާ ކޮންފަރެންސް ލީގުން ފުރުސަތު ލިބިގެންދާނެ އެވެ.