އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އަހަރީ އާންމު ޖަލްސާގެ ހަވާސާގައި ކުރިއަށްގެންދާ ލައިވްސް އެންޑް ލައިވްލީހުޑް ނޮލެޖް ހިއްސާކުރުމުގެ ޕެނަލް ޑިސްކަޝަންގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގަންނަވާގޮތައް ހަމަޖެހިއްޖެއެވެ. މިއަހަރުގެ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އަހަރީ އާންމު ޖަލްސާ ކުރިއަށްދާނީ މިމަހުގެ 19 އިން 22 ވަނަ ދުވަހުގެ ނިޔަލަށް އަލްޖީރިއާގައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން ކުރިއަށްދާ ނޮލެޖް ޝެއަރިން މަޝްވަރާއެއްގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. ވަޒީރު ޝިޔާމްގެ އިތުރުން މި މަޝްވަރާގައި އެހެން ބައެއް ޤައުމުތަކުގެ ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެތެރޭގައި ތަޖަކިސްތާންގެ ހެލްތް އެންޑް ސޯޝަލް ޕްރޮޓެކްޝަން މިނިސްޓަރާއި، އެ ޤައުމުގެ އެގްރިކަލްޗަރ މިނިސްޓަރ ހިމެނިވަޑައިގަންނަވައެވެ.
މި ޕެނަލް ޑިސްކަޝަންގައި ވަޒީރު ޝިޔާމް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ސަސްޓެއިނަބަލްކޮށް ކުރިއަށްގެންދިއުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވާނެއެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި ޕެނަލް ޑިސްކަޝަންގައި ރާއްޖެ ހިމެނޭގޮތުން 32 ޤައުމަކަށް ލައިވްސް އެންޑް ލައިވްލީހުޑް ފަންޑްގެ ސަބަބުން އައި ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. މި ފަންޑުގެ ދަށުން ރާއްޖޭގައިވެސް ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މަސް ދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާއިމްކުރުން ހިމެނެއެވެ. ފަންޑުގެ ދަށުން 21 ފަރާތަކަށް ލޯނު އެޕްރޫވްވެފައިވާއިރު 14 ދޯންޏަކަށް ވަނީ ފަންޑު ދޫކޮށްފައިކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.