ޚަބަރު

ނެޝަނަލް އޯޝެއަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަންގެ އިނޮއި ރީޖަނަލް ސެންޓަރަށް ނައިބުރައީސް ޒިޔާރާތްކުރައްވައިފި


  • މިއީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބެއް އެސެންޓަރަށް ޒިޔާރާތްކުރެއްވި ފުރަތަމަ ފަހަރު

  • އެއިދާރާތަކުގެ މެންޑޭޓާއި ކުރަމުންދާ މަސައްކަތްތަކަށްވެސް ބައްލަވާލެއްވި

ހަވާއީގެ ހޮނުލުލޫގައި ހުންނަ ނެޝަނަލް އޯޝެއަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަންގެ އިނޮއި ރީޖަނަލް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ޒިޔާރާތްކުރައްވައިފިއެވެ.

އެން.އޯ.އޭ.އޭގެ އިނޮއި ރީޖަނަލް ސެންޓަރަކީ މޫސުމީ އެކިދިރާސާތަކަށް ހަވާއީ ސްޓޭޓްގެ މޮކޮ-އުމޭ-އުމޭ ނުވަތަ ފޯޑް އައިލަންޑްގައި ޤާއިމްކޮށްފައިވާ ސެންޓަރެކެވެ. މިއީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބެއް އެސެންޓަރަށް ޒިޔާރާތްކުރެއްވި ފުރަތަމަ ފަހަރެވެ.

މިޒިޔާރަތުގައި، އިންޓަނޭޝަނަލް ސުނާމީ އިންފޮމޭޝަން ސެންޓަރު (އައި.ޓީ.އައި.ސީ) އާއި ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރު (ޕީ.ޓީ.ޑަބްލިއު.ސީ) އިން ކުރަމުންގެންދާ މަސައްކަތްތަކާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މަޢުލޫމާތު އެރުވިއެވެ. އަދި، އެއިދާރާތަކުގެ މެންޑޭޓާއި ކުރަމުންދާ މަސައްކަތްތަކަށްވެސް މިޒިޔާރަތުގައި ބަލައިލާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއިދާރާތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތަޢުރީފްކުރައްވާ، މިއިދާރާތަކުން ރާއްޖެއަށާއި ދިވެހިންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

2004 ވަނަ އަހަރުގެ ސުނާމީއަށްފަހު، ރާއްޖެއަށް މިދެއިދާރާއިން ވަނީ ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި، ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތަކާއި، މަޢުލޫމާތު ފޯރުކޮށްދިނުމުގެ ކެމްޕޭންތަކާއި، ޑިޒާސްޓަރ މެނޭޖްމަންޓް މަޝްރޫޢުތައް ފެށުމުގެ އިތުރުން، އޭޝިޔާ-ޕެސިިފިކް ސަރަޙައްދުގައި ރީޖަނަލް ވޯނިންގ ސެންޓަރުތައް ޤާއިމްކުރުމުގައި އައި.ޓީ.އައި.ސީ އާއި ޕީ.ޓީ.ޑަބްލިއު.ސީ އިން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.

ސުނާމީ އިން ލިބޭ ގެއްލުން ކުޑަކުރުމަށް، ސައިންޓިފިކް ރިސަރޗް އާއި ދިރާސީ ޖަމާޢަތްތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި އާންމުންނާއި ގުޅިގެން އައި.ޓީ.އައި.ސީ އިން ގިނަ މަސައްކަތްތައް ވަނީ ކޮށްފައެވެ. ޕީ.ޓީ.ޑަބްލިއު.ސީގެ މައި އިދާރާ، ނެޝަނަލް ވެދަރ ސަރވިސް (އެން.ޑަބްލިއު.އެސް) އަކީ އިންޓަގަވަމެންޓަލް އޯޝަނޮގްރަފިކް ކޮމިޝަން އޮފް ދަ ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް، އެންޑް ކަލްޗަރަލް އޯގަނައިޒޭޝަންގެ މައި ބައިނަލްއަޤްވާމީ ފޯކާސްޓަރެވެ.