ޚަބަރު

މުލީ ރައްޔިތުންގެ ހުވަފެން ހަޤީޤަތަކަށް ހައްދަވައިދެއްވިކަމަށްޓަކައި ކައުންސިލްގެ ޝުކުރު ރައީސަށް


  • މުލީ އެއަރޕޯޓް ތަރައްޤީވެގެން ދިއުމަކީ ރައްޔިތުންގެ 30 އަހަރު ދުވަހުގެ ދިގު އިންތިޒާރެއް

މުލީ ރައްޔިތުންގެ ހުވަފެން ހަޤީޤަތަކަށް ހައްދަވައިދެއްވިކަމަށްޓަކައި ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒަށް ކައުންސިލުން ޝުކުރު އަދާކުރައްވައިފިއެވެ.

މުލީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވީ އެމަނިކުފާނު މ. މުލީ ކައުންސިލާއި، އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަށުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި ކުރިއަށްދިޔަ މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މުލީ ކައުންސިލުން ވިދާޅުވީ މުލީ އެއަރޕޯޓް ތަރައްޤީވެގެން ދިއުމަކީ ރަށުގެ ރައްޔިތުންގެ 30 އަހަރު ދުވަހުގެ ދިގު އިންތިޒާރުގެ ނިމުންކަމަށެވެ. އަދި މުލީ ރައްޔިތުންގެ ހުވަފެންތައް ހަޤީޤަތަކަށް ހައްދަވައިދެއްވިކަމަށްޓަކައި މުލީ ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން މުލީ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސްކޫލުގެ ކްލާސްރޫމްތައް އޭސީކޮށްދެއްވުމަށާއި، ރަށުން ރިހެބިލިޓޭޝަން ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ރަށުގައި އިންސާނީ ވަޞީލަތް ޤާއިމުކުރުމަށް އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު ރަށުގެ ރައްޔިތުން ޕިކްނިކްދާނެ ވަކި ރަށެއް ތަރައްޤީކޮށްދެއްވުމަށާއި، ފަތުރުވެރިކަމުގެ ދާއިރާއާއި ޞިއްޙީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާއިން ބޭނުންވާކަންކަން ކައުންސިލުން ހިއްސާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ފުއްދަވައިދެއްވާނެކަމަށެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.