ކުރިއަށް އޮތް ސީޒަނުގައި މެންޗެސްޓަރ ސިޓީގެ ސްކޮޑް ކުޑަނުކޮށްފިނަމަ އެ ޓީމު ދޫކޮށްލާނެކަމަށް ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ބުނެފި އެވެ.
ޕްރިމިއާ ލީގުގައި ރޭ ބޯންމަތު އާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ގަޑިއޯލާ ބުނެފައިވަނީ ކޮންމެ މެޗަކަށް ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ނުލާ ނިކުތުމަކީ ދެރަވާ ކަމެއް ކަމަށާއި ސްކޮޑު ކުޑަ ނުކުރާނަމަ ޓީމުގައި މަޑު ނުކުރާނެކަމަށް ކްލަބަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
"ކޮންމެ މެޗަކަށް ނިކުންނައިރު ހަތަރެއް ނޫން ފަސް ކުޅުންތެރިން ނުލާ ލިސްޓު ފައިނަލް ކުރުމަކީ ދަތި އުނދަގޫ ކަމެއް. އެކަން އެގޮތަކަށް ނުކުރެވޭނެ. އަހަރެން ބޭނުމެއް ނޫން ބޮޑު ސްކޮޑަކާއެކު މަސައްކަތް ކުރާކަށް." ގަޑިއޯލާ ބުންޏެވެ.
"ކޯޗެއްގެ ގޮތުގައި އަހަރެންނަށް 24 ކުޅުންތެރިން ޓްރެއިން ކޮށްފަ ހަތަރު ކުޅުންތެރިން ގޭގައި ނުބޭތިއްބޭނެ މެޗު ބަލަން. މިއީ މިކަން ވާނެ ގޮތެއް ނޫން އަދި އެކަން އަހަރެން ވާނީ ކްލަބަށް އަންގާފައި. ޓީމުގެ ސްކޮޑު ކުޑަ ނުކުރާނަމަ އަހަރެން ޓީމުގައި މަޑު ނުކުރާނެކަން ކްލަބަށް ވާނީ މިހާރު އަންގާފައި." ގަޑިއޯލާ އިތުރަށް ބުންޏެވެ.
އަމިއްލަ ދަނޑުގައި މި ސީޒަނުގައި ސިޓީ ރޭ ކުޅުނު ފަހު މެޗުގައި ބޯންމަތު އާއި ދެކޮޅަށް ނިކުތްއިރު މުހިންމު ކުޅުންތެރިންތަކެއް ކަމުގައިވާ ކުސަނޯވް އާއި ސަވީނިއޯ އާއި ޖޭމްސް މެކްއާޓީގެ އިތުރުން އެޗެވޭރީ އަދި ރިކޯ ލެވިސް އަށް 20 ކުޅުންތެރިންގެ ލިސްޓުން ފުރުސަތު ލިބިފައެއް ނުވެއެވެ.
މި ސީޒަނުގެ މެދު ތެރޭގައި ސިޓީއަށް ކުރިމަތިވި އަނިޔާގެ ގިނަ މައްސަލަތަކާއިއެކު އެ ކްލަބުން ވަނީ މިދިޔަ ޖެނުއަރީ މަހު ހަތަރު ކުޅުންތެރިން ހޯދުމަށް 200 މިލިއަން ޕައުންޑަށްވުރެ ބޮޑު އަދަދެއް ހޭދަކޮށްފަ އެވެ.
ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ސިޓީ އިން ގިނަ ކުޅުންތެރިންތަކެއް ވިއްކާލާނެތޯ އެހުމުން ގަޑިއޯލާ ބުނެފައިވަނީ އެއީ ކްލަބުގެ ނިންމުމެއް ކަމަށާއި އޭނާ ބޭނުންވާ ގޮތް ކްލަބަށް އަންގާފައިވާނެ ކަމަށެވެ.
ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ޖެހިޖެހިގެން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ މެންޗެސްޓަރ ސިޓީ އަށް މި ސީޒަނުގައި ތަށްޓެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.