ޚަބަރު

ތެލަސީމިއާ ޚިދުމަތްތައް ހަރުދަނާކުރުމަށް ރާއްޖެއާއި ސައިޕްރަސްއާ ދެމެދު އެއްބަސަވުމެއް


  • ބަލި ދެނެގަތުމާއި، ފަރުވާދިނުމުގައި ތަޖުރިބާކާރުންގެ އެހީ ލިބޭނެ

  • އިންސާނީ ވަސީލަތް ހަރުދަނާކުރަން އެހީ ލިބޭނެ

ދިވެހިރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ދެމުންދާ ޚިދުމަތްތައް ހަރުދަނާ ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ދިވެހިރާއްޖެއާއި ސައިޕްރަސްއާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 78 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިންނެވެ.

ރާއްޖެއާއި ސައިޕްރަސް ސަރުކާރާ ދެމެދު ސޮއިކޮށްފައިވަނީ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ރިޕްރެޒެންޓެޑް ބައި ދަ މިނިސްޓްރީ އޮފް ހެލްތު، އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް ސައިޕްރަސް ރިޕްރެޒެންޓެޑް ބައި ދަ މިނިސްޓްރީ އޮފް ހެލްތު އޮން ހެލްތު ކޯޕަރޭޝަން" އެއްބަސްވުމުގައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. އަދި، ސައިޕްރަސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޞިއްޙީ ވަޒީރު މައިކަލް ދަމްޔަނޮސްއެވެ.

މި އެއްބަސްވުމުގެ ދަށުން މައިގަނޑު ގޮތެއްގައި އެހީތެރިކަން ލިބިގެންދާނީ ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާ ކުރުމަށްކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

އެގޮތުން، ތެލެސީމިއާ ބަލިން ރައްކާތެރިވުމާއި، ބަލި ދެނެގަތުމާއި، ފަރުވާދިނުމުގައި ސައިޕްރަސްގެ ތަޖުރިބާކާރު ފަންނީ ބޭފުޅުންގެ އެހީތެރިކަމާއި، މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވެދޭނެއެވެ. އަދި ޓެލެކޮންފަރެންސިން މެދުވެރިކޮށް ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ޚިދުމަތްދިނުންވެސް ހިމެނެއެވެ.

މީގެ އިތުރުން ޞިއްޙީ ޚިދުމަތްތެރިންގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށް މި އެއްބަސްވުމުގެ ދަށުން ސައިޕްރަސްއިން އެހީތެރިކަން ދޭނެއެވެ.

މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވަނީ މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް %18 މީހުންނަށް ތެލެސީމިއާ ފަރުވާދެމުންދާކަމާއި ތެލަސީމިއާއަކީ އާންމު ޞިއްޙަތާ ގުޅޭ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، ސައިޕްރަސް ފަދަ ތެލެސީމިއާ ކޮންޓްރޯލް ޕްރޮގްރާމްގެ މަސައްކަތްތައް ބައިނަލްއަޤުވާމީ ގޮތުން ބަލައިގަނެފައިވާ ޤައުމެއްގެ ފަރާތުން އިބުރަތް ހާސިލުކޮށް އެފަރާތުގެ ފަންނީ އެހީތެރިކަން ލިބިގެން ދިއުމަކީ ޞިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމުގައި ވަޒީރު ނާޡިމް ފާހަގަކޮށްލެވިއެވެ.

މީގެއިތުރުން، މި އެއްބަސްވުމުގެ ސަބަބުން ތެލެސީމިއާ ޕްރިވެންޝަން އެންޑް މެނޭޖްމަންޓާއި، ލޭ އެޅުމުގެ ޚިދުމަތާއި، ކްލިނިކަލް އަދި ފަންނީ ތަޖުރިބާ ހިއްސާކުރުން ފަދަ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަކީ އަމާޒެއްކަމުގައި ވަޒީރު ވިދާޅުވިއެވެ.

ސައިޕްރަސްއަކީ ތެލަސީމިއާ ކުދިން ނިސްބަތުން ގިނަ ޤައުމަކަށްވެފައި އެ ޤައުމުން އެކުދިންނަށް ދެމުންދާ ފަރުވާއާގުޅޭ ތަޖުރިބާ ހިއްސާކުރުމުގެ ޝައުޤުވެރިކަން ފާޅުކޮށް، މި ސޮއިކުރެވުނު އެއްބަސްވުން ތަންފީޒުކުރުމަކީ ޞިއްޙީ ވުޒާރާއިން އިސްކަންދޭނެކަމެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ތެލެސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ފަރުވާއާއި ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުތަކުގައި ހިމެނޭ މުހިންމު ވައުދެކެވެ. އަދި އެ ދާއިރާއިން މި ވެތުވެދިޔަ އަހަރެއްހާ ދުވަހު މުހިންމު މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.