ޚަބަރު

މެރިން ޑިސްކަވަރީ ސެންޓަރު: ކަނޑު ފަޅުގެ ދިރުންތައް އާލާކުރުމުގައި ލާމަސީލު ނަމޫނާއެއް


  • މިސެންޓަރުން ސައިންޓިފިކް ދިރާސާތައް ދަނީ ކުރަމުން

  • މިސެންޓަރުން އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައްވެސް ދަނީ ހިންގަމުން

ދުނިޔޭގެ ކަނޑުތަކުގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. މުރަކަތައް ހުދުވެ، ކަނޑުގެ ދިރުންތައް މަދުވަމުން ދިއުމާއެކު، އިންސާނުންގެ އަމަލުތަކުގެ ސަބަބުންވެސް ކަނޑުގެ ނާޒުކު ވެށްޓަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް އަންނަނީ އިތުރުވަމުންނެވެ. މިގޮންޖެހުންތަކުން އަރައިގަތުމަށް ބ. އަތޮޅުގައި ޤާއިމުކުރެވިފައިވާ މެރިން ޑިސްކަވަރީ ސެންޓަރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފޯ ސީޒަންސް ރިސޯޓް ލަންޑާ ގިރާވަރުގައި ހުންނަ މެރިން ޑިސްކަވަރީ ސެންޓަރަކީ ފޯ ސީޒަންސް ރިސޯޓާއި ރީފްސްކޭޕާސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން ހިންގާ ސެންޓަރެކެވެ. މިސެންޓަރަކީ ހަމައެކަނި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަނެއް ނޫނެވެ. މިއީ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާއި، ސައިންޓިފިކް ދިރާސާތަކާއި، ތިމާވެށީގެ ތަޢުލީމު ފޯރުކޮށްދިނުމުގައި އަވަދިނެތި މަސައްކަތްކުރަމުންދާ ނަމޫނާ ސެންޓަރެކެވެ.

މިސެންޓަރުން ދިވެހިރާއްޖޭގެ ކަނޑުގެ ވެށި ރައްކާތެރިކުރުމަށް ދިރާސާތައް ހެދުމުގެ އިތުރުން އާންމުން ހޭލުންތެރިކުރުވުމަށް މުހިންމު ދައުރެއް އަދާކުރެއެވެ. މެރިން ބަޔޮލޮޖިސްޓުންނާއި، ދިރާސާކުރާ ފަރާތްތަކާއި، އުނގަންނައިދޭ ފަރާތްތަކުގެ ޓީމަކާއެކު، އެމްޑީސީން ކުރަނީ ދިރޭތަކެތީގެ ނަސްލު ރައްކާތެރިކުރުމަށް މުހިންމު މަސައްކަތެކެވެ. މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމުގެ ސަބަބުން މުރަކަތަކަށް ކުރާ އަސަރު ކުޑަކުރުމަށް އަމާޒުކޮށް މި ސެންޓަރުން ތަފާތު އެކި މަޝްރޫޢުތައް ދަނީ ހިންގަމުންނެވެ.

ރީފްސްކޭޕިންގ

ރީފްސްކޭޕިންގ މަޝްރޫޢަކީ މުރަކަތައް އާލާކުރުމުގެ މަޤްޞަދުގައި އެމްޑީސީން ކުރިއަށްގެންދާ ޚާއްޞަ މަޝްރޫއެކެވެ.

މިމަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، ރީޕްސްކޭޕާރސްގެ ޑިރެކްޓަރ އެންޑް ފައުންޑަރ މަރީ ސަލީމް ބުނީ، މިމަޝްރޫޢުގެ ދަށުން ކުރަމުންދާ މަސައްކަތަކީ، ދުޅަހެޔޮ މުރަކަތަކުން ކުދި ބައިތައް ނަގައި، އަލުން އެ މުރަކަތައް ހެދިބޮޑުކުރުވުންކަމަށެވެ. އަދި މި މަސައްކަތުގައި އެންމެ މުހިންމު އެއް ކަމަކީ މުރަކަ އިންދާނެ ރަނގަޅު ސަރަޙައްދުތައް ހޯދުންކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން މިކަން މިކުރާ ގޮތަކީ ދަނގަޑު ސްޓްރަކްޗަރތަކެއް އަޅުގަނޑުމެން ހަދާފަ، އެއީ އަޅުގަނޑުމެން ޑީޒައިންކުރި ސްޓަރަކްޗަރތަކެއް. އޭގަ ކުދި ކުދި މުރަކަ ކޮޅު އައްސައިގެން ދެން އަހަރު ދެއަހަރު ވާއިރު ބޮޑެތި ކޮރަލް ކޮލޮނީއަށްވެފައި ހުންނާނީ." ރީޕްސްކޭޕާރސްގެ ޑިރެކްޓަރ އެންޑް ފައުންޑަރ މަރީ ސަލީމް ބުންޏެވެ.

ކަހަނބު ކްލިނިކް

ކަހަނބުތަކަކީ ކަނޑުގެ ވެށީގައި މުހިންމު އެއް ދިރުމެވެ. މެރިން ޑިސްކަވަރީ ސެންޓަރުން ހިންގާ ކަހަނބަށް ފަރުވާދިނުމުގެ މަޝްރޫޢުގެ ދަށުން، ޒަޚަމްވެފައިވާ ނުވަތަ ބަލިވެފައިވާ ކަހަނބުތަކަށް ފަރުވާދީ، އަލުން ކަނޑަށް ދޫކުރުމުގެ މަސައްކަތް ކުރެއެވެ. މީގެ އިތުރުން، ކަހަނބުތަކުގެ އާބާދީ ދެމެހެއްޓުމަށްޓަކައި ދިރާސާތައް ކުރެވި، އެ މަޢުލޫމާތު ރެކޯޑުކުރެއެވެ.

މިއީ ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ އަދި މިހާތަނަށް އެންމެ ކާމިޔާބު އެއް ކްލިނިކުކަންވެސް ފާހަގަކޮށްލެވެއެވެ.

ފިޝް ލެބް

ފިޝް ލެބް މަޝްރޫޢަކީ ކަނޑުގެ މަސްމަހާމެހީގެ ދިރާސާތައް ކުރުމަށް ޚާއްޞަކުރެވިފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން، އެކި ބާވަތުގެ މަސްތަކުގެ އުޅުމާއި، އާދަކާދަތަކާއި، އާބާދީއަށް އަންނަ ބަދަލުތައް ދިރާސާކުރެވެއެވެ. މީގެއިތުރުން ފާނަ އަދި މާގަނޑުމަސްފަދަ ފަރުމަސް އާލާކުރުމަށްވެސް މި ސެންޓަރުން ދަނީ މަސައްކަތްކުރަމުންނެވެ.

މެރިން ޑިސްކަވަރީ ސެންޓަރުން ކުރަމުންދާ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ކަނޑުގެ ވެށި ރައްކާތެރިކުރުމަށް ކުރެވޭ އުއްމީދީ މަސައްކަތްތަކެކެވެ. މިމަރުކަޒުގެ ސައިންޓިފިކް ދިރާސާތަކާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކާއި، އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކަކީ ދިވެހިރާއްޖޭގެ ކަނޑުގެ މާޙައުލު ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. މިފަދަ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެންގެ ޤުދުރަތީ މުއްސަނދިކަން ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.