ޚަބަރު

އަލް ހަލީޖް އަތުން އަލް ނަސްރު މޮޅުވެއްޖެ


ސައުދި އަރަބިއްޔާގެ ސައުދީ ޕްރޯ ލީގުގައި ރޭ އަލް ހަލީޖް އާއި ދެކޮޅަށް އަލް ނަސްރު ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އަލް ނަސްރު އިން ކާމިޔާބުކޮށްފި އެވެ.

މި މެޗުން އަލް ނަސްރު މޮޅުވުމާއިއެކު އެ ޓީމަށް ވަނީ 33 މެޗުން 67 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނަ ލިބިފަ އެވެ. ތިންވަނައިގައި އޮތް އަލް ގަދްސިއާ އަށް 67 ޕޮއިންޓް ލިބިފައިވާއިރު ލީގުގައި ބާކީ އޮތީ އެންމެ މެޗެކެވެ.

ލީގުގެ ތިންވަނަ އަށް ދާ ޓީމަކަށް އަންނަ ސީޒަނުގެ އޭއެފްސީ ޗެމްޕިއަންސް ލީގު 2 އިން ފުރުސަތު ލިބިގެންދާއިރު އެއްވަނަ އަދި ދެވަނަ އަށް ފުރުސަތު ލިބޭނީ ޗެމްޕިއަންސް ލީގު އެލީޓް އިންނެވެ. ލީގުގެ ފަހު މެޗުގައި އަލް ނަސްރު ނިކުންނާނީ އަލް ފާތިހް އާއި ދެކޮޅަށެވެ.

ރިޔާދުގެ އަލް އައްވާލް ޕާކްގައި ކުޅުނު މި މެޗުގެ 15 ވަނަ މިނިޓުގައި ސަޑިއޯ މާނޭ ނަގައިދިން ހުރަހަކުން ޖޯން ދުރާން ވަނީ ލަނޑެއް ޖަހާ އަލް ނަސްރަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގައި އަލް ނަސްރު އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އަލް ނަސްރަށް ލިބުނު ޕެނަލްޓީ އަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 24 ވަނަ ލަނޑެވެ.