ށ. ފޯކައިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ.
ފޯކައިދޫގައި އޭޓީއެމް ޚިދުމަތް ފަށްޓަވައި ދެއްވީ އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފޯކައިދޫގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން ވަޒީރު އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.އަދި ފައިސާ ނެންގެވުމަށް ބޭނުންކުރެއްވި ކާޑު ވަޒީރު ވަނީ ކައުންސިލާ ހަވާލުކުރައްވާފައެވެ.
އޭޓީއެމްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އޭޓީއެމްގެ ޚިދުމަތްތައް ވަރަށް ހަލުވިކޮށް ރަށްރަށުގައި ޤާއިމުކުރެވެނީ ބީއެމްއެލްއިން ލިބޭ ފުރިހަމަ އެއްބާރުލުމާއެކީގައި ކަމަށެވެ. އަދި މި ޚިދުމަތް ޤާއިމުކުރުމުގައި ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ކައުންސިލްރަކުން ދޭ އެއްބާރުލުންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ބޭންކުން ފައިސާ ނެގުމާއި ޖަމާކުރުމަށް މީގެ ކުރިން އެހެން ރަށަކަށް ދަތުރެއްކުރަންޖެހުމަކީ ރައްޔިތުންނަށް ދިމާވާ ބޮޑު ތަކުލީފެއް ކަމަށެވެ. އެ ކަމަށް ހައްލެއް ހޯއްދަވާދެއްވުމަށް ރައީސް ފަށްޓަވާފއި މިވަނީ ވަރަށް މުހިންމު މަޝްރޫޢެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ފޯކައިދޫގައި ޤާއިމުކޮށްފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމެކެވެ.
ށ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ ގޮތުން މި ބުރުގައި 10 ރަށެއްގައި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު، އިއްޔެ ވަނީ އޭގެ ތެރެއިން 5 ރަށެއްގައި ޚިދުމަތް ޤާއިމުކޮށްފައެވެ. މި ބުރު ނިމޭއިރު، މި އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވޭނެއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ރަށްރަށުގައި ބެހެއްޓުމެވެ.