ސަންގު ޓީވީގެ 10ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ. މި ހަފްލާގައި ސަންގު ޓީވީގެ 2024ވަނަ އަހަރުގެ އެންމެ މޮޅު މުވައްޒަފަށް އެވޯޑް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
މި ހަފްލާގައި ސަންގު ޓީވީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ނިމުނު 2024ވަނަ އަހަރު އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް، އެ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ. އެގޮތުން ސްޓާފް އޮފް ދަ އިޔަރ ހިމެނޭހެން ޖުމްލަ 7 އެވޯޑެއް މި ހަފްލާގައި ވަނީ ދީފައެވެ.
• ރެކޮގްނިޝަން އެންޑް އެޕްރިސިއޭޝަން އެވޯޑް: އަޙްމަދު އަދުހާމް، މާހަތު ޙުސައިން ރަޝީދު، ޝަހުބާން ފަޙުމީ، ޝިފްލާ އިބްރާހީމް
• މޯސްޓް ޕްރޮމިސިންގ އެމްޕްލޯއީ 2024: އާމިނަތު ވިރުޝާ
• ބެސްޓް ކޮންޓްރިބިއުޓަރ 2024: އާމިނަތު ނިޝްފާ
• ބެސްޓް ނިއުސް އެންކަރ 2024: އަޒްފާ ރަޝީދު
• ބެސްޓް ޕްރޮގްރާމް ޕްރެޒެންޓަރ 2024: ފާތުމަތު މަދަދާ
• ބެސްޓް ޓީމް ޕްލެޔަރ 2024: ދަހާ އިބްރާހީމް، ޙުސައިން ޝަހުދާން މުޙައްމަދު، އުމަޢިރު މުޙައްމަދު ރަޝީދު
• ސަންގު ޓީވީ ސްޓާފް އޮފް ދި އިޔަރ 2024: މާހަތު ޙުސައިން ރަޝީދު
ސަންގު ޓީވީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާގައި އެ ޓީވީގެ 10 އަހަރުގެ ދަތުރު ދައްކުވައިދޭ ޚާއްސަ ވީޑިއޯ ރިޕޯޓެއް ވަނީ ދައްކާފައެވެ. އަދި ސަންގު ޓީވީގެ މުވައްޒަފުންނާއެކު އަހަރީ ދުވަހުގެ ޚާއްސަ ކޭކުފެޅުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ހަފްލާ ނިންމާލާފައިވަނީ ހަވާއެރުވުމުގެ ހަރަކާތަކާވެސް އެކުގައެވެ.
ސަންގު ޓީވީގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޭޕްރީލްމަހުގެ 30 ވަނަ ދުވަހެވެ. މިއީ 2015 ވަނަ އަހަރު އުފެދުނު އަމިއްލަ ބްރޯޑްކާސްޓިންގ ޓީވީ ޗެނަލެކެވެ.