ޚަބަރު

އިންލައިން ސްކޭޓް ސީރީޒް މުބާރާތުން ރާއްޖެއަށް 10 މެޑެލް


މި މަހުގެ 23 އިން 25 އަށް އިންޑޮނޭޝިއާގައި ބޭއްވި އިންލައިން ސްކޭޓް ސީރީޒް ދޭއްގައި ވާދަކުރި ރާއްޖޭގެ ސްކޭޓަރުން 10 މެޑެލް ހޯދައިފިއެވެ.

މި މުބާރާތުގައި ރާއްޖޭން 19 އެތުލީޓުން ވާދަކުރިއިރު، ރާއްޖެއިން ވަނީ އެއް ރަން މެޑެއްޔާއި، އެއް ރިހި މެޑެލް އަދި 8 ލޯ މެޑެލް ހޯދާފައެވެ.

މި މުބާރާތުން ރަން މެޑެލް ހޯދީ 14 އަހަރުން ދަށުގެ ފިރިހެން ބައިން އަޙްމަދު ރާހިފް ޝަފީއުއެވެ. އޭނާ ރަން މެޑެލް ހާސިލުކޮށްފައިވަނީ 200 މީޓަރު ފްލައިން ކެޓެގަރީންނެވެ. މީގެ އިތުރުން އޭނާ ވަނީ 500 މީޓަރު ރޭހުންނާއި، 1000 މީޓަރު ސްޕްރިންޓް ރޭހުންނާއި، 1800 މީޓަރު ރިލޭއިން ލޯ މެޑެލް ހާސިލުކޮށްފައެވެ. އަދި މި މުބާރާތުން ރިހި މެޑެލް ހޯދާފައިވަނީ 14 އަހަރުން ދަށުގެ އަންހެން ބައިން އާރާ އަބްދުﷲ ރިފްއަތެވެ. އޭނާ ރިހި މެޑެލް ހާސިލުކޮށްފައިވަނީ 1800 މީޓަރު އެލިމިނޭޝަން ކެޓެގަރީންނެވެ.

މީގެ އިތުރުން 9 އަހަރުން ދަށުގެ އަންހެން ބައިގެ 1000 މީޓަރު ސްޕްރިންޓް ކެޓެގަރީން އައިޝަތު ޓިއާ އައިމަން ލޯ މެޑެލް ހާސިލުކުރިއިރު، 11 އަހަރުން ދަށުން އަންހެން ބައިގެ 1800 މީޓަރު ރިލޭއިން ރާއްޖެ ވަނީ ލޯ މެޑެލް ހޯދާފައެވެ. މި ރިލޭގައި ވާދަކުރި ރާއްޖޭގެ ޓީމުގައި ހިމެނުނީ ސާޝާ ސުލާސް އާއި، އާމިނަތު ކައިލީން ސަހުލަމް އަދި ޒާޔާ މުޙައްމަދު އުމަރެވެ.

މި މުބާރާތުގެ 14 އަހަރާއި 17 އަހަރާ ދެމެދުގެ ޖޫނިއަރ އަންހެން އޭޖް ގްރޫޕުގެ 100 މީޓަރު ސްޕްރިންޓް ކެޓެގަރީން ރާއްޖޭގެ އެމާ ގުއެރިނީ އަބްދުﷲ ރަޝީދު ލޯ މެޑެލް ހާސިލުކުރިއިރު، 14 އަހަރުން ދަށުގެ ފިރިހެން ބައިން އަޙްމަދު އަރީން މުޙައްމަދު ވަނީ ތިން ލޯ މެޑެލް ހޯދާފައެވެ. އެއީ 200 މީޓަރު ފްލައިން ކެޓެގަރީންނާއި، 1000 މީޓަރު ސްޕްރިންޓް އަދި 1800 މީޓަރު ރިލޭއިންނެވެ.

މި މުބާރާތުގައި ވާދަކޮށްފައިވަނީ ފަސް ގައުމަކުންނެވެ. އެއީ މުބާރާތް ބޭއްވި އިންޑޮނޭޝިއާގެ އިތުރުން ރާއްޖެ އާއި، މެލޭޝީއާ، އިންޑިއާ އަދި ތައިލެންޑުންނެވެ. މި މުބާރާތުގައި 545 ސްކޭޓަރުން ވާދަކުރިއިރު، އިންޑޮނޭޝިއާގެ 27 ކުލަބެއް އެކުވެގެން ވަނީ މުބާރާތުގައި ވާދަކޮށްފައެވެ.