ޚަބަރު

މިދިޔަ އަހަރު ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން 87 މިލިޔަނަށްވުރެ ގިނަ މުއާމަލާތްކުރި


  • ރާއްޖެއިން ބޭރުގައި ކާޑުން ހިންގާފައިވާ މުއާމަލާތްތަކުގެ އަދަދު 9 މިލިޔަނަށް އަރާ

  • މިދިޔަ އަހަރު ސާފު ފައިދާ ގޮތުގައި 2 ބިލިޔަން ރުފިޔާ ލިބުނު

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން މިދިޔަ އަހަރު 87 މިލިޔަނަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ. ދުވަހެއް ދުވަހަކަށް ކާޑު ބޭނުންކޮށްގެން ކުރާ މުއާމާލާތްތަކުގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ.

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރަކީ އެ ބޭންކަށް ކާމިޔާބު އަހަރެކެވެ. އެ ކުންފުންޏަށް ލިބުނު އާމްދަނީ މިދިޔަ އަހަރު ވަނީ އިތުރުވެފައެވެ.

ބީއެމްއެލްއިން ވިދާޅުވީ މިދިޔަ އަހަރު ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން 87 މިލިޔަނަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ކާޑުން ހިންގާފައިވާ މުއާމަލާތްތަކުގެ އަދަދު 9 މިލިޔަން ރުފިޔާއަށް އަރައެވެ.

އޭޓީއެމް މެދުވެރިކޮށް 14 މިލިޔަން މުއާމަލާތް ބީއެމްއެލްއިން ހިންގާފައިވާއިރު، ކާޑު މެޝިން މެދުވެރިކޮށް 55 މިލިޔަން މުއާމަލާތްކޮށްފައިވާކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.

އޮންލައިން ވިޔަފާރިކުރާ މިންވަރު އިތުރުވަމުން އަންނައިރު މިދިޔަ އަހަރަކީވެސް އޮންލައިންކޮށް ހިންގާފައިވާ މުއާމާލާތްތައް އިތުރު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު އޮންލައިން ވިޔަފާރިކުރުމަށް ކާޑުން ހިންގާފައިވާ މުއާމަލާތްތަކުގެ އަދަދު 9 މިލިޔަނަށް އަރައެވެ.

ބީއެމްއެލްއަށް މިދިޔަ އަހަރު ސާފު ފައިދާ ގޮތުގައި 2 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ. ބޭންކުގެ ޖުމްލަ އެސެޓް 2023 ވަނަ އަހަރަށްވުރެ މިދިޔަ އަހަރުވަނީ 3 ބިލިޔަން ރުފިޔާ އިތުރުވެފައެވެ. މިއާއެކު ބޭންކުން ދޫކުރަމުންދާ ލޯނުގެ ފެންވަރު ރަނގަޅުވެފައިވާއިރު، މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 5.2 ބިލިޔަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވެއެވެ.