ޚަބަރު

"މަގުހެދުމާ ގުޅޭގޮތުން ވުޒާރާއިން ފޯރުކޮށްދިނީ ރަނގަޅު މަޢުލޫމާތެއް ނޫން، ރަނގަޅުކުރަން ވަނީ އަންގާފައި"


  • އއ. ތޮއްޑޫއިން މިދިޔަ އަހަރުގެ ޖެނުއަރީ މަހުވަނީ ކުލަ ކުލައިގެ ގައު އަޅައިގެން މަގުހެދުމަށް އެދިފައި

  • ފަތުރުވެރިން ޝައުގުވެރިވާނެހެން ލޯކަލް ޓޫރިޒަމް އޮންނަ ރަށްރަށުގެ މަގުތައް ކުލަ ގައު އަޅައިގެން ޑިޒައިންކުރުމަށް އެދޭ

ރަށްރަށުގެ މަގު ހެދުމާއި ގުޅޭގޮތުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މަޢުލޫމާތު ދެއްވާފައިވަނީ ރަނގަޅަށް ނޫންކަމަށާއި، އެކަން އިސްލާޙުކޮށް އަލުން ޖަވާބު ދިނުމަށް އަންގާފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވި، މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން އެވުޒާރާއިން ހޯދުމަށް އެދިފައިވާ މަޢުލޫމާތެއްގައި ރަނގަޅުނޫން މަޢޫލޫމާތު ހިމަނާފައިވާކަން ހާމަކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިމަހުގެ 3ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި، ރަށްރަށުގައި މަގު ހެދުމަށް ތަފާތު ކުލަތަކުގައި ގައު އެތުރުމަށް އެދި ރަށްރަށުން އެދިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ އެގޮތަށް އެދިފައިވާ ރަށްތަށް ދެނެގަތުމަށް އަމިއްލަ ފަރާތަކުންވަނީ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދަންނަވާފައެވެ.

މިމައްސަލައިގައި މަޢުލޫމާތު ދެއްވާނީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިންކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވާތީ އޭނާވަނީ މިމަޢުލޫމަތު ހޯދުމަށް އެވުޒާރާގައި އެދިފައެވެ. އަދި ވުޒާރާއިން ފޮނުވި ޖަވާބުގެ ސިޓީގައި އެއްވެސް ކައުންސިލަކުން ތަފާތު ކުލަކުލައިގެ ގައު އެތުރުމަށް އެދިފައިނުވާކަމަށްވަނީ މައުލޫމާތުދެއްވާފައެވެ. އަދި އެފަދަ ހުށައެޅުމަށް ރަސްމީކޮށް ވުޒާރާއަށް މިހާތަނަށް ލިބިފައިނުވާކަމަށް އެމަައުލޫމާތުގައި ބަޔާންކުރައްވާފައެވެ.

މިމައްސަލަ ސޯޝަލް މީޑިއާގައި ދައުރުވުމާއި ގުޅިގެން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިމައްސަލައިގައި އެވުޒާރާގެ އިންފޮމޭޝަން އޮފިސަރު ދެއްވާފައިވަނީ ރަނގަޅަށް ނޫންކަމަށާއި އަދި އެކަން އިސްލާޙުކޮށް އަލުން މަޢުލޫމާތު ފޯރުކޮށްދިނުމަށް އަންގަވާފައިވާނެކަމަށެވެ. ވަޒީރު ވިދާޅުވީ، ރަށްރަށުގައި މަގުތައް ހެދުމާއި ގުޅޭގޮތުން ތަފާތު ކުލަކުލައިގެ ގައު އެތުރުމާއި ގުޅޭގޮތުން މިހާތަނަށް ސޮއިކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން އއ.ތޮއްޑޫ ކައުންސިލުން އެކަމަށް އެދި ރަސްމީކޮށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވުޒާރާއަށް އަންގަވާފައިވާކަމަށެވެ.

ހަމައެއާއެކު ލޯކަލް ޓޫރިޒަމް ހިންގަމުން އަންނަ ރަށްތަކުން އެކި ބައްދަލުވުންތަކުގައި ތާރު އެޅުމުގެ ބަދަލުގައި ފަތުރުވެރިން ގަޔާވާނެފަދަ ގޮތަކަށް އެކި ކުލަ ކުލައާއި ޕެޓާންތަކުގެ ގައު އަތުރައިގެން މަގު ހެދުމަށް މަޝްވަރާކޮށްފައިވާކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.

ރަށްރަށުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމަކީ ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރީތިކަން ގެއްލޭ ކަމެއްކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި އެނޫން ކޮންސެޕްޓްތަކަށް އެކަން ކުރުމާއި ގުޅޭގޮތުން ވާހަކަތައް ދެކެވުނުނަމަވެސް މިހާތަނަށް މިފަދަ ކަމެއް ރާއްޖޭގައި ކޮށްފައެއް ނުވެއެވެ. ރަށްރަށުން މިފަދަ ހުށައެޅުންތައް އަންނަމުންދާތީ ކުރިއަށް އޮތްތަނުގައި އެގޮތަށް މަގުތައް ޑިޒައިންކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ސަރުކާރުން ވިދާޅުވެއެވެ