މިހާރު ފެތުރެމުންދާ އަރިދަފުސް ރޯގާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓް ކުރަމުންދަނީ އިންފުލުއެންޒާއި ކޯވިޑް19ގެ ކޭސްތައްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން މިކަން ހާމަކުރެއްވީ މިދިޔަ މަހުގެ 6 ވަނަ ދުވަހުން މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ރިޕޯޓްކޮށްފައިވާ އާންމު ބަލިތަކުގެ ތަފާސްހިސާބުތަކުގައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ 6 ވަނަ ދުވަހުން މިމަހުގެ 17 ވަނަ ދުވަހާހަމައަށް އަރިދަފުސް ރޯގާ ޖެހިގެން 43882 ކޭސް ރިޕޯޓް ކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރިޕޯޓްކޮށްފައިވަނީ 36047 ކޭސްއެވެ.
އިންފްލުއެންޒާގެ ތަފާސްހިސާބަށް ބަލާއިރު މިއަހަރުގެ މި މުއްދަތުގައި 254 ކޭސް ރިޕޯޓުކޮށްފައިވާއިރު މިދިޔަ އަހަރު ރިޕޯޓްކޮށްފައިވަނީ 50 ކޭސްއެވެ. މީގެއިތުރުން މިދިޔަ އަހަރުގެ މި މުއްދަތުގައި ކޯވިޑް ޖެހިގެން 38 ކޭސް ރިޕޯޓް ކުރިއިިރު މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ރިޕޯޓްކޮށްފައިވަނީ 37 ކޭސްއެވެ.
ޑެންގީގެ ތަފާސްހިސާބަށް ބަލާއިރު މިދިޔައަހަރަށްވުރެ މިއަހަރު ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދުމަދެވެ. މިއަހަރު ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރ، ކ އަދި އއ އަތޮޅުންނެވެ. އެޗްޕީއޭއިން ވިދާޅުވީ މިދުވަސްވަރު ޑެންގީ ހުންޖެހިގެން ރިޕޯޓްކުރާ މިންވަރު ދަށްވިނަމަވެސް ވިއްސާރައާ ގުޅިގެން މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށެވެ.
އެޗްޕީއޭއިން ވިދާޅުވީ މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވެފައިވާކަމަށެވެ. އަދި ކޯވިޑާއި އިންފުލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންކަމަށާއި އެހެންކަމުން ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.