ޚަބަރު

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި


  • އެފުރުޞަތު އަންނަ މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައި

  • އެ މަޤާމަށް ބޭފުޅަކު އައްޔަންކުރަންޖެހޭނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކުގެ ބޭފުޅެއް

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލާން ބޭނުންވާ އޮފިސަރުންނަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ބޭފުޅަކު ހޯދަނީ ކުރިން އެ މަޤާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ މަހުގެ 26 ގައި މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އޭގެފަހުން \ޕޮލިސް ކޮމިޝަނަރުގެ މަގާމު ވަގުތީ ގޮތުން ހަވާލުކުރައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންއާ ހަވާލުކޮށްފައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ މީހުންނަށް އަންނަ މަހުގެ 2 ވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމާހަމައަށް އެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

2021 ވަނަ އަހަރުގެ މާރިޗު މަހު ޢަމަލުކުރަން ފެށި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކުރާގޮތުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރަންޖެހޭނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކުގެ ބޭފުޅެކެވެ. އަދި އެ މަޤާމަށް ބޭފުޅަކު އައްޔަންކުރަންވާނީ އެމަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލްކަން ވަޒަން ކުރުމަށް ފަހު ކަމަށްވެސް ޤާނޫނު ބަޔާންކުރެއެވެ. އަދި ކޮމިޝަނަރ ޢައްޔަންކުރާނީ ޕޮލިސް ބޯޑުން ވަޒަންކޮށް ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، ވަޒީރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާކަމަށްވެސް ޤާނޫނުގައި ބުނެފައިވެއެވެ.

ޤާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ޢައްޔަންކުރާނީ 4 އަހަރުދުވަހުގެ ދައުރަކަށެވެ. އެ ދައުރު ފުރިހަމަވުމުން، 4 އަހަރުދުވަހުގެ އިތުރު އެއް ދައުރަށް އޭނާ އެ މަޤާމަށް ޢައްޔަންކުރެވިދާނެކަމަށްވެސް ބުނެފައިވެއެވެ.