ކުޅިވަރު

ބްރޫނޯ ގޮތެއް ނިންމަން ދިނީ އެންމެ 72 ގަޑިއިރު


ސައުދީ އަރަބިއްޔާގެ އަލް ހިލާލްއަށް ކުޅުމާމެދު ގޮތެއް ނިންމަން މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއަށް 72 ގަޑިއިރުގެ މުހުލަތެއް ދީފިއެވެ.

ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ބްރޫނޯ ގޮތެއް ނިންމަން ޖެހިފައިވާއިރު އޭނާ ހުރީ ޔުނައިޓެޑާމެދު މުޅިން ހިތްހަމަ ޖެހިގެން ނޫނެވެ. ސަބަބަކީ އެ ޓީމުގެ ފޯމު ވަރަށް ބޮޑަށް ދަށްވުމާއި އަންނަ ސީޒަނުގައި ޔޫރަޕުގެ އެއްވެސް މުބާރާތެއް ކުޅުމުގެ ފުރުސަތު ނެތުމުންނެވެ. ޔުނައިޓެޑަކީ އަންނަ ސީޒަނުގައި ޔޫރަޕުގައި ނުކުޅޭ އިނގިރޭސި ހަމައެކަނި ބޮޑު ކުލަބެވެ.

އުމުރުން 30 އަހަރުގެ ބްރޫނޯ ގަތުމަށް އަލް ހިލާލް އިން މެންޗެސްޓާ ޔުނައިޓެޑަށް ހުށަހަޅާފައިވަނީ 100 މިލިއަން ޕައުންޑެވެ. އަދި ކުޅުންތެރިޔާ އަށް ހުށަހަޅާފައިވަނީ ހަފުތާއަކު ހަތް ލައްކަ ޕައުންޑްގެ މުސާރައެކެވެ. މި ހުށަހެޅުމާ ގޮތެއް ނިންމަން ބްރޫނޯ ޔުނައިޓެޑްގެ ވެރިންނާއެކު ވަރަށް އަވަހަށް އިށީންނާނެ ކަމަށް ވެސް އިނގިރޭސި ނޫސްތަކުން ދަނީ ބުނަމުންނެވެ.

ގިނަ މީޑިއާތަކުން ލަފާ ކުރަނީ ޔުނައިޓެޑްގެ މެނޭޖްމަންޓުން މި އަގުގައި ބްރޫނޯ ވިއްކާލަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. ސަބަބަކީ މާލީ ގޮތުން ޔުނައިޓެޑަށް ދަތިވެފައި ވުމުންނެވެ. އަދި ސްކޮޑް ވަރުގަދަ ކުރެވެން އޮތީ މިހާރު ތިބި ގިނަ ކުޅުންތެރިން ވިއްކާލައިގެން ލިބޭ ފައިސާ ހަރަދުކޮށްގެން ކަމަށް ވެސް ވާތީ އެވެ. ނަމަވެސް ބުރޫނޯ ވިއްކާލުމަކީ ކޯޗު ރުބެން އަމޮރިމްގެ ޕްލޭނުގައިވާ ކަމެއްނޫނެވެ. އޭނާ މަސައްކަތް ކުރަނީ އަންނަ ސީޒަނަށް ވަރުގަދަ ޓީމެއް ބިނާކުރާއިރު ލީޑަރަކަށް ބްރޫނޯ ހެދުމަށެވެ.