ޙައްޖު ދުވަހާއި އަޟްޙާ ޢީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދުކަމަށް ކަނޑައަޅާފައިވާ 4 ދުވަސްކަމަށް ސަރުކާރުން ވިދާޅުވެއްޖެވެ.
ސަރުކާރުން މިހެން ވިދާޅުވެފައިވަނީ ޙައްޖު ދުވަހާއި ޢީދު ބަންދުގެ ގޮތުގައި ކަލަންޑަރުގައި ފާހަގަކޮށްފައިވާ ދުވަސްތަކުގެ ފަހުން އެހަފްތާގެ ދެންހުރި ދުވަސްތައްވެސް ބަންދުކުރަން ފެންނަކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރަމުންދަނިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަލަންޑަރުގައިވާގޮތަށް ޙައްޖު ދުވަހަކީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަސްކަމަށްވުމުން މިހާރު ބަންދުކުރަން ނިންމާފައިވާ ދުވަސްތައް ފިޔަވާ އިތުރު ދުވަހެއް ބަންދުނުވާނެ ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން ޙައްޖު ދުވަހަކީ ޖޫން މަހުގެ 5އެއްވާ ބުރާސްފަތި ދުވަހެވެ. އެހެން ކަމުން މިއަހަރުގެ އަޟްހާ ޢީދު ދުވަހަކީ ޖޫން މަހުގެ 6 ވާ ހުކުރު ދުވަހެވެ.
ސަރުކާރުން ވަނީ މި ފަހަރު ގައުމީ ފެންވަރުގައި ތިން ރަށެއްގައި ޢީދު ފާހަގަކުރަން ނިންމަވާފައެވެ. އެއީ، ތިލަދުންމަތީ އުތުރުބުރީ ކެލާ, މާލެ އަތޮޅު ގުރައިދޫ, އަދި ހައްދުންމަތީ ގަމެވެ.