އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ރެފުރީކަންކުރުމުގެ ފުރުސަތު ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަދި ބައިނަލްއަގުވާމީ ރެފުރީ އަޙްމަދު މުންތަގިމް (މުންތޭ) އަށް ލިބިއްޖެއެވެ.
މުންތަގިމް އަންނަނީ މިހާރު ދެކުނު ކޮރެއާގެ ގޫމީގައި ކުރިޔަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރެފްރީއެއްގެ ދައުރު އަދާކުރަމުންނެވެ. މުންތަގިމް އަކީ މިއަހަރުގެ މުބާރާތުގެ ފުންމުމުގެ އިވެންޓްތަކަށް އިންސާފުކުރުމަށް ހަމަޖެހިފައިވާ ރެފްރީއެވެ.
މުންތަގިމަކީ ރާއްޖޭގެ އެތުލެޓިކްސް ދާއިރާގައި ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ތަޖުރިބާކާރެކެވެ. އޭނާ ވަނީ 2017 ވަނަ އަހަރު އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) ގެ ލެވެލް ދޭއްގެ ރެފްރީ ކޯސް ފުރިހަމަކޮށްފައެވެ، އޭރު އޭނާއަކީ އެ ކޯސް ނިންމި ފުރަތަމަ ދިވެހި ރެފްރީއެވެ. އަދި އޭނާ ވަނީ އޭޝިއާ އެތުލެޓިކްސްގެ ރައީސް ދެއްވާ ލީޑަރޝީޕް ޕިން ވެސް ހާސިލްކޮށްފައެވެ.
މިހާރު އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރާ މުންތަގިމް ވަނީ މީގެ ކުރިންވެސް ސަރަހައްދީ ފެންވަރުގެ ބައިނަލްއަގްވާމީ ބޮޑެތި މުބާރާތްތަކުގައި ރެފްރީކަންކޮށް ތަޖުރިބާ ހޯދާފައެވެ.
މިމަހުގެ 27-31 އަށް ދެކުނު ކޮރެއާގައި ކުރިޔަށްގެންދާ 26 ވަނަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދެ އެތުލީޓަކުވެސް އަންނަނީ ވާދަކުރަމުންނެވެ. އެއީ އިބާދުﷲ އާދަމް އާއި ޒިވާ މޫސާ ޝަފީގެވެ.