އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ކުޅުދުއްފުށި ސިޓީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
މިތަނުގެ ބިންގާ އަޅުއްވައިދެއްވީ މަތީ ތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު އަޙްމަދެވެ. މި މަޝްރޫޢަކީ އާރްޑީސީ އާ ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫއު ކުރިއަށްގެންދިޔުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މާރޗްމަހުގެ ތެރޭގައެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް އިމާރާތް ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފއެވެ. މި މަޝްރޫޢު ކުރިއަށްގެންދިުމަށް އެ ކުންފުންޏާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ދަނާލަކާއެކު ތަރައްޤީކުރާ މި ޓިވެޓް ސެންޓަރުގައި ކިޔަވައިދިނުމުގެ ވަޞީލަތްތަކާއެކު، ޓެކްނިކަލް ވޮކޭޝަނަލް ދާއިރާއާއި ގުޅުންހުރި ތަފާތު ލެވެލް ގެ ކޯސްތައް ހިންގުމަށް ހަމަމޖެހިފައިވެއެވެ. މިއީ ރާއްޖޭގައި ކުރިއަށްދާ އެކިކަހަލަ ސިނާޢީ މަސައްކަތަށް ބޭނުންވާ ފަންނު ބިނާ ކުރުމަށް އެޅޭ ވަރަށް މުޙިއްމު ފިޔަވަޅެއްކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ދަނާލުގެ ޚިދުމަތާއެކު ތަރައްޤީ ކުރެވޭ މިފަދަ އިންސްޓިޓިއުޓަކުން ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އަތޮޅުތެރޭގައި ތިބެގެން ފަސޭހަކަމާއެކު، ފެންވަރު ރަގަޅު ޓެކްނިކަލް ޓްރެއިނިންގ އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ.
މިއީ 27600.2 އަކަފޫޓްގެ ބިމެއްގައި ތަރައްޤީކުރާ ތަނެކެވެ. 3 ފަންގިފިލާއަށް ތަރައްޤީކުރާ މިތަނުގައި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން 7 ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއާއި، އިދާރީ ޚިދުމަތްތަކަށް ޚާއްޞަ ސަރަހައްދެއް ހިމެނެއެވެ. އަދި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ ސަރަޙައްދުގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން 3 ފަންގިފިލާއަށް ހަދާ ދަނާލުގައި ޝެއަރިންގ 32 ރޫމް ހުންނައިރު ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަން އަދި ޑައިނިންގ އޭރިއާއަކާއި، ލޯންޑަރީ ފަދަ ޚިދުމަތްތަކުގެ އިތުރުން ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ އޭރިއާ އަކާއެކު ޖިމެއްވެސް ހުންނާނެއެވެ. އަދި މީގެ އިތުރުން އަސާސީ ޚިދުމަތްތައްހިމެނިފައިވާނެއެވެ.
މި މަޝްރޫއުތަކަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އިތުރުކޮށް ރައްޔިތުންނާ ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫޢުތަކެކެވެ. މި މަޝްރޫޢުގެ އިތުރުން މިހާރުވެސް ހއ.ދިއްދޫގައި ޖޫނިއަރ ކޮލެޖަކާއި، ރ.އަލިފުށީގައި ޓިވެޓް ސެންޓަރަކާއި، ނ.ވެލިދޫގައި ޖޫނިއަރ ކޮލެޖެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
ދިވެހިންނަށް މަސައްކަތާއި ހުނަރުގެ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތަކަށްވާއިރު، ރަށްރަށުގައި މި ގާއިމު ކުރެވޭ ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރުތަކުގެ ސަބަބުން މަތީ ތަޢުލީމު އުނގެނުމަށް ހުރި ގޮންޖެހުންތައް މަދުވެ، ރައްޔިތުންނާ ގާތުން ޚިދުމަތް ލިބިގެންދާނެއެވެ. އަދި މިފަދަ މަޝްރޫއުތަކާއެކު މަސައްކަތްތެރިކަމުގެ އެކި ދާއިރާތަކަށް ބޭނުންވާ ފަންނުތައް ތަރައްޤީވެ، ގިނަ ބަޔަކަށް އެފަންނު އުނގެނުމުގެ ފުރުސަތުތައްލިބި މަސައްކަތުގެ މާހައުލަށް ނިކުތުމަށް ތައްޔާރުވެފައިވާ ގިނަ ދަރިވަރުންތަކެއް ތައްޔާރުކުރެވޭނެއެވެ.