ޙައްޖުގެ އަޅުކަމުން މުސްލިމުންނަށް އެތައް ފިލާވަޅެއް ދަސްކޮށްދެއެވެ. އެތައް ކަމެއް ހަނދާންކޮށްދެއެވެ. ދުނިޔެއާ އާޚިރަތުގެ އެތައް ކަމަކާމެދު ވިސްނާ ފިކުރުކުރަން މަޖުބޫރުކުރުވައެވެ.
ޙައްޖުގެ އަޅުކަމުން އިންސާނުންނަށް ބުނެދޭ އެއް ވާހަކައަކީ މާތްﷲގެ ހަޟްރަތުގެ އެންމެހާ މުސްލިމުން ހަމަހަމަވެގެންވާ ކަމެކެވެ. އިންސާނާ މާތް މީހަކަށްވަނީ އޭނާގެ ތަޤުވާވެރިކަމުންކަމެވެ. އިހުރާމް ބަނުމަކީ ހައްޖުގެ އެންމެ ފުރަތަމަ ރުކުނެވެ. ހައްޖުގެ އަޅުކަމަށް ނިޔަތްގަނެ މީގާތުން ފިރިހެނުން ދެ ފޮށައިން އިހުރާމް ބަންނަންޖެހެއެވެ. އަންހެނުންނަށް ވަކި ކުލައެއްގެ ވަކި ވައްތަރެއްގެ ހެދުމެއް ލާކަށް މަޖުބޫރެއް ނޫނެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމަށް ބޭނުންކުރާ އިހުރާމްގެ މޮޅު ދެރަމިނަކުން ﷲގެ ހަޟްރަތުގައި އިންސާނާ މާތް މީހަކަށް ނުވެއެވެ. މާތްވެގެންވާ ގެފުޅުގެ ވަށައިގެން މުސްލިމުން ޠަވާފްކުރަމުންދާއިރު އެންމެން ތިބެނީ އިހުރާމްހެދުމުގައެވެ.
މުއްސަންޖެއް ފަގީރެއް ތަފާތެއް ނޯވެއެވެ. އަންހެނެއް ފިރިހެނެއްވެސް ތަފާތެއް ނޯވެއެވެ. އިހުރާމް ބަނދެގެންތިބޭ އެންމެހާ ޙައްޖާޖީން ގެފުޅުގެ ވަށައިގެން ޠަވާފްކުރަމުން ދާނީ މާތްﷲގެ ވަޖުހުފުޅު އަދައިގެންނެވެ. މީގެ އިތުރުން އިހުރާމްފޮށާ އެޅުމުގެ ސަބަބުން އާޚިރަތްދުވަހުގައި މަޙުޝަރުގެ މައިދާނުގައި އިންސާނުން ތިބޭނީ އެއް ހާލަތެއްގައިކަން ހާމަކޮށްދެއެވެ. އަރަފާތު ބިމުން ފެންނަ މަންޒަރަށް ދެން ވިސްނާލަމާތޯއެވެ. އިހުރާމް ހެދުމުގައި އަރަފާތު ބިމުގައި ހުރިހާ ހާޖީންވެސް ހަމަހިމޭންކަމާ މަޑުމޮޅިކަމާއެކު ވަގުތުތައް ހޭދަކުރަމުން ދެއެވެ. މަޙުޝަރުގެ މައިދާނުގައި ހިސާބުބެއްލެވުމަށް އިންތިޒާރުކުރަމުންދާނެ ގޮތް ނިކަން ހިތްޕުޅަށް ގެންނަވާށެވެ.
The first day of Dhul Hijjah 1446 in Masjid Al Haram pic.twitter.com/BCi6j2Vugl
— Inside the Haramain (@insharifain) May 28, 2025
އިހުރާމް ފޮށާ އިންސާނުންނަށް ހަނދާންކޮށްދެނީ މަރުގެ ވަގުތެވެ. މާދަމާ ކަފުނުގައި އޮންނަންޖެހޭނީވެސް މިފަދަ ހާލެއްގައެވެ.
ޙައްޖުގެ އަޅުކަމަކީ އެއްބައިވަންތަކަމުގެ މިސާލުވެސް ދައްކާ އަޅުކަމެކެވެ. މާތްވެގެންވާ ކައުބަތުﷲ ގެފުޅުގެ ވަށައިގެން ޠަވާފްކުރަމުން ދަނީ އެންމެން އެއް މިސްރާބަކަށެވެ. ޠަވާފްކުރާ މީހުންގެ ވާތްފަރާތަށް ގެފުޅު ހުންނާނެހެން އެންމެން ހިނގަމުންދަނީ އެއް މަންޒިލަކަށެވެ. ޠަވާފްކުރާއިރު އެހެން މީހުންނާ ތަފާތު ކޮޅަކަށް ހިނގުމެއް ނޯވެއެވެ. ކޮންމެ މީހަކުވެސް 7 ބުރު ފުރިހަމަކުރަންޖެހެއެވެ. މުއްސަންޖަކަސް ފަގީރަކަސް އަންހެނަކަސް ފިރިހެނަކަސް މުސްކުޅިއަކަސް ޒުވާނަކަސް 7 ބުރު ފުރިހަމަ ކުރަންޖެހެއެވެ. ޞަފާ މަރުވާ ދެމެދުގައި ހިނގުމުގައިވެސް ފެންނަނީ މުސްލިމުންގެ އެއްބައިވަންތަކަމުގެ މިސާލެވެ. އެންމެން ހިނގަންޖެހެނީ އެއްދިމާއަކަށެވެ. މިކަމުން ހަނދާންކޮށްދެނީ އެންމެންނީ އާދަމުގެ ދަރިންކަމެވެ. މާތްﷲގެ ހަޟްރަތުގައި އެންމެން ހަމަހަމަވެގެންވާ ކަމެވެ. އެހެންކަމުން ދުނިޔޭގެ ވާދަވެރިކަމާ ހަސަދަވެރިކަމާ ކުރިއަރައިދިޔުމުން އުފެދޭ ނަފްރަތު ދޫކޮށްލުމަށް ޙައްޖުގެ އަޅުކަން ހަނދާންކޮށްދެއެވެ.
ހައްޖުގެ މަނާސިކުތަކުގެ ތެރޭގައި ހިމެނޭ ޖަމްރާތަކަށް ހިލަ އުކުމާއި އަރަފާތުބިމުގައި ތިބޭ ތިބުންވެސް އެއްވެސް މީހަކު ތަފާތެއް ނުވެއެވެ. އެންމެންވެސް މި މިނާސިކުތައް އަދާކުރަންޖެހެއެވެ. މުއްސަނދިންނާ ފަގީރުން އަދި އަންހެނުންނާ ފިރިހެނުން ތަފާތެއް ނެތެވެ.
ޙައްޖުގެ މި މަނާސިކުތަކުން އިންސާނުންނަށް ދޭ ފިލާވަޅަކީ ނަސްލީ އިމްތިޔާޒު ގެންގުޅެން ނުޖެހޭކަމެވެ. އިންސާނުންނަކީ ހަމަހަމަ ބައެއްކަމެވެ.