ޚަބަރު

ރާއްޖޭގެ ވަޒީފާގެ ބާޒާރު އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ވަޒީރު ހައިދަރު


  • "ނެޝަނަލް ޖޮބް ސެންޓަރ"ގެ ދައުރު ފުޅާކޮށް "ނޭޝަނަލް ކެރިއަރ ސަރވިސް" އަށް ބަދަލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖުލައިމަހު

  • މި މަސައްކަތް ފުޅާކުރެވި ރާއްޖޭގެ 4 އަތޮޅެއްގައި މިހާރު ދަނީ މަސައްކަތް ކުރެވެމުން

ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް ގުޅުވާލަދީ، ރާއްޖޭގެ ވަޒީފާގެ ބާޒާރު އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ނެޝަނަލް ކެރިއަރ ސާރވިސް ރީޖަނަލް ހދ. ބްރާންޗް ހުޅުއްވައިދެއްވާ ވާހަކަދައްވަމުންނެވެ.

"ނޭޝަނަލް ޖޮބް ސެންޓަރ"ގެ ދައުރު ފުޅާކޮށް "ނޭޝަނަލް ކެރިއަރ ސަރވިސް" އަށް ބަދަލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖުލައިމަހުއެވެ. އެ ސެންޓަރުގެ ހިންގުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ދަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބަދަލުކުރައްވާފައެވެ. މީގެ ކުރިން މިތަން ހިނގަމުން އައީ އިޤްތިޞާދާ ބެހޭ ވުޒާރާގެ ދަށުންނެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާގެ ފުރުސަތު ހޯދުމަށް މަސައްކަތްކުރާ ފަރާއްތާކާއި ވަޒީފާ ދޭ ފަރާތްތަކާ ގުޅުވައި ދިނުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަމުންދަނީ ރާއްޖޭގެ ވަޒީފާގެ ބާޒާރު އިތުރަށް ހަރުދަނާކުރުމަށްކަމަށް ވަޒީރު ހައިދަރު ވިދާޅުވިއެވެ.

އެގޮތުން ނޭޝަނަލް ކެރިއަރ ސާރވިސް ރީޖަނަލް ސެންޓަރ އަކީ މިކަމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މި ސެންޓަރގެ ޒަރިއްޔާއިން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި މަސައްކަތުގެ އުމުރުފުރައިގެ މީހުންނަށް އެކަށޭނަ މަސައްކަތްތަކާއި ވަޒީފާގެ ހިޔާރުކުރުމުގައި އެހީތެރިވެދޭނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ހައިދަރު ވަނީ 23 ޖުލައި 2024ގައި ޖޮބްސެންޓަރ، ނޭޝަނަލް ކެރިއަރ ސާރވިސްއަށް ބަދަލުކުރެވިގެން ދިޔައީ ވަރަށް މުހިންމު ޒިންމާތަކެއް މަތިކުރެވިގެންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އިޖުތިމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ހުރި ވަޒީފާގެ ފުރުސަތުތަކާއި މައުލޫމާތު ފޯރުކޮށްދިނުމާއި ވަޒީފާ ހޯދާ ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެވެ.

އަދި މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތުގެ ހުނަރު ދަސްކޮށްދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި ވަޒީފާތަކަށް ބޭނުންވާ ފަންނީ ތަމްރީނާއި ހުނަރުވެރިކަން ދަސްކުރުމުގެ ފުރުސަތުތައް ބޭނުންކުރުމުގައި އެހީތެރިވުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"2024 ވަނަ އަހަރުން ފެށި މި މަސައްކަތް ފުޅާކުރެވި ރާއްޖޭގެ 4 އަތޮޅެއްގައި މިހާރު ދަނީ މަސައްކަތް ކުރެވެމުން. މިހާތަނަށް 7 އަތޮޅަކަށް ދަތުރު ކުރެވި އެއަތޮޅުތަކުގައި މައުލޫމާތު ހިއްސާކުރެވި ޓްރެއިނިން ނަގާދޭނެ" ވަަޒީރު ވިދާޅުވިއެވެ.

ވަޒީރު ހައިދަރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވަޒީފާ ބޭނުންވާ ކޮންމެ ދިވެހި ރައްޔިތަކަށް ވަޒީފާ ހޯދުމުގެ މަގުފަހިކޮށްދިނުމާއި ވަޒީފާގެ އުމުރުފުރައިގެ ކުދިންނަށް ކިޔެވުމަށާއި އަދި މަސައްކަތުގެ ދާއިރާ ހިޔާރުކުރުމުގައި ފުރިހަމަ މައުލޫމާތު ލިބި ކުރިއަށް ދިއުމަށް މަގުފަހި ކޮށްދިނުމަށްކަމަށެވެ.

ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ތަރައްޤީކޮށް ވަސީލަތްތައް އިތުރުކުރުމާއެކު ރަނގަޅު ފެންވަރެއްގެ ތަޢުލީމެއް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ "ދިވެހިންނަށް ޚާއްޞަ އަދި ދިވެހީންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ޤާއިމުކުރުމަށް" ކަނޑައަޅާފައިވާ ސިޔާސަތުގެ ތެރެއިން ޒުވާން ޤާބިލު ހުނަރުވެރި މަސައްކަތު އާބާދީއެއް ބިނާކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.