ޚަބަރު

އަޒްހަރު ޔުނިވާސިޓީގެ ސްކޮލާޝިފަށް ކުރިމަތިލުމަށް ހުޅުވާލައިފި


  • ޝަރީޢާ ދާއިރާއިން ކިޔެވުމަށް 5 ފުރުސަތަށް ވަނީ ހުޅުވާލާފަ

  • ސައިންޓިފިކް/ތިއަރެޓިކަލް ދާއިރާއިން ކިޔެވުމަށް 17 ފުރުސަތަށް ވަނީ ހުޅުވާލާފަ

  • ކުރިމަތިލުމުގެ ސުންގަޑިއަކީ ޖޫންމަހުގެ 4ވާ ބުރާސްފަތި ދުވަހުގެ 12:00އާ ހަމައަށް

މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީގެ ސްކޮލާޝިފަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެގޮތުން 2 ދާއިރާއަކުން މަތީ ތަޢުލީމު ހާސިލްކުރުމަށް 22 ފުރުސަތަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

އަލް އަޒްހަރު ސްކޯލަރޝިޕްގެ ދަށުން، މިސްރުގައި ބެޗެލަރސް އޮފް ޝަރީޢާ ކިޔެވުމަށް 5 ފުރުސަތު އަދި ބެޗެލަރސް އޮފް ސައިންޓިފިކް/ ތިއަރެޓިކަލް ދާއިރާއިން ކިޔެވުމަށް 17 ފުރުސަތު ލިބިގެންދާނެކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޝަރީޢާ ދާއިރާއިންނާއި، ސައިންޓިފިކް އަދި ތިއަރެޓިކަލް ދާއިރާއިން ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް އަލް އަޒްހަރު ސްކޯލަރޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން "މައި އެޑިއު" ޕޯޓަލް މެދުވެރިކޮށް މި ސްކޯލަރޝިޕަށް ކުރިމަތިލެވޭނެއެވެ. ސްކޯލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ 12:00އެވެ.

މަތީ ތަޢުލީމާއިބެހޭ ވުޒާރާއިން ވިދާޅުވީ، މި ސްކޯލަރޝިޕަށް ކުރިމަތިލެވޭ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި ޝަހާދާ ޡާނަވިއްޔާއިން ފާސްވެފައިވުމާއެކު، އަޕްލޯޑް ކުރެވިފައިވާ ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވާންޖެހޭނެކަމަށެވެ.

އަދި އެ ވުޒާރާއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުމާއެކު، އެދޭ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހެއްކަމުގައިވާންޖެހޭނެކަމަށެވެ. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަކުރަމުންދާ ދަރިވަރެއްކަމުގައި ވެގެނެއް ނުވާނެކަމަށެވެ.

މީގެއިތުރުން އެ ވުޒާރާއިން ވިދާޅުވީ، ސްޓޫޑެންޓް ލޯނު ސްކީމަށް ހޮވިފައިވާ ކެނޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުސަތަށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށެވެ. އަދި ސްކޯލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެކަމަށެވެ.

އަދި އެހެން ސްކޯލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެނޑިޑޭޓެއް މި ސްކޯލަރޝިޕް ފުރުސަތަށް ނޮމިނޭޓް ނުކުރެވޭނެކަމަށެވެ.